އެމެރިކާގައި މިއަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދާ، އެވެކްސިން ބޭނުން ކުރަން ފަށަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކިތަންމެ ބޭނުންވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ސީއެންއެން" އާއި ވާހަކަދެއްކި ތަޖުރިބާކާރުން ބުނާ ގޮތުގައި "ޓްރަމްޕްގެ އަބުރަށް ހުތުރުވާ ވަރަށް" ވެކްސިނާއި ބެހޭ ގޮތުން ވާހަކަދައްކާ "ދަންޖެހުނު" ނަމަވެސް އިންތިޚާބުގެ ކުރިން ކޮވިޑް-19 އަށް އެމެރިކާގެ ވެކްސިނެއް އެމެރިކާގައި ބޭނުން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅޭ އެމެރިކާގެ ކުންފުންޏަކީ "މޮޑާނާ" އެވެ. އެކުންފުނިން ވެކްސިނެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތައް އެމެރިކާ ސަރުކާރުން އަންނަނީ ފައިސާ ވެސް ޚަރަދު ކުރަމުންނެވެ.

ޓްރަމްޕް މިދިޔަ ބުރާސްފަތި ދުވަހު މީޑިއާ އާއި ވާހަކަދައްކަމުން ބުނީ ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރެވޭނެ ރަނގަޅު ވެކްސިނެއް ނޮވެމްބަރ 03 ވަނަ ދުވަހާއި ހަމައަށް ތައްޔާރު ކުރެވޭނެ ކަމަށެވެ.

ނަމަވެސް "ސީއެންއެން" އާއި ވާހަކަދެއްކި ބޭލާ ކޮލެޖް އޮފް މެޑިސިންގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ.ޕީޓާ ހޮޓެޒް ވިދާޅުވީ ޓްރަމްޕް ބުނާ މުއްދަތައް ވެކްސިނެއް ބޭނުން ކުރަން ފެށޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ކޮވިޑް-19 އަށް މޮޑާނާ އިން އުފައްދާ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހްލީލްތައް ވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު ފަށާފައެވެ. މި ތަހްލީލްގައި 30000 މީހުންނަށް ވެކްސިން ދޭނެއެވެ. ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހުރިހާ އެންމެނަށް ވެކްސިން ދީނިމޭނެ ކަމަށް ލަފާކޮށްފައި ވީނަމަވެސް "ސީއެންއެން" އިން ބުނާ ގޮތުގައި މިހާތަނަށް ވެކްސިން ޖެހުމުގެ ސްޕީޑް ގޮސްފައިވާ ގޮތައް ބަލާއިރު ސެޕްޓެމްބަރ މަސް ނިމޭއިރު ހުރިހާ ވޮލެންޓިއަރުންނަށް ވެކްސިނެއް ދެވުމަކީ ވެސް ނާދިރު ކަމެކެވެ. އަދި ހުރިހާ ވޮލެންޓިއަރުންނަށް ވެކްސިން ދިނުމަށް ފަހު އެމީހުންގެ ހާލަތައް އަންނަ ބަދަލު ވެސް ދިރާސާ ކުރަން ޖެހޭނެއެވެ. އެކަމަށް ވެސް ދުވަސްތަކެއް ހޭދަވާނެއެވެ.

މޮޑާނާގެ ވެކްސިން ތަހްލީލްގައި ވެކްސިންގެ ފުރަތަމަ ޝޮޓް ދިނުމަށް ފަހު ދެވަނަ ޝޮޓް ދިނުމުގެ ކުރިން 28 ދުވަސް މަޑު ކުރަން ޖެހެއެވެ. އެހެންކަމުން ސެޕްޓެމްބަރ މަހު ވެކްސިންގެ ފުރަތަމަ ޝޮޓް ދޭ މީހުންނަށް ދެވަނަ ޝޮޓް ދެވޭނީ އޮކްޓޯބަރ މަހުއެވެ. ދެވަނަ ޝޮޓްގެ ނަތީޖާ އެންމެ އަވަހަށް ވެސް ލިބޭނީ ދެހަފްތާ ފަހުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ ރައީސް ކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރަން ޓްރަމްޕް މަސައްކަތް ކުރަމުން ގެންދާއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި ވަނީ ކޮވިޑް-19 އެވެ. މިބަލިމަޑުކަމުގެ ސަަބަބުން އެމެރިކާގެ އިޤުތިޞާދު ވެސް ހީނަރު ވަމުންދާއިރު، އާއްމު ހާލަތައް ބަދަލުވާން ކޮންމެހެން ވެސް ވެކްސިނެއް ބޭނުން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު