4000 ޓަނުގެ ތެޔޮ ބަރުކޮށްފައި އޮއްވާ މޮރިޝަސްގެ ފަރަށް އެރި ބޯޓު މިއަދު ދެބުރިވެއްޖެއެވެ.

އެމްވީ ވަކަޝިއޯ މޮރިޝަސްގެ ނަން ދީފައިވާ ބޯޓު ފަރަށް އެރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 1180 ވަރަކަށް ޓަނުގެ ތެޔޮ މިހާރު ވަނީ ބޯޓުން މޫދަށް އެޅިފައެވެ. ނަމަވެސް އަދިވެސް 1800 ޓަނުގެ ތެޔޮ ބޯޓުގައި އެބަހުއްޓެވެ. ހާހެއްހާ ޓަނުގެ ތެޔޮ ވަނީ ބޯޓުން ހުސްކޮށްފައެވެ.

މިއަދު ބޯޓު ދެބުރި ވެގެން ދިޔައިރު ޖަޕާނުގެ ޓީމަކުން މިހާރު ގެންދަނީ ބޯޓުގައި ހުރި ޕަމްޕް ޖަހައިގެން ހުސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފަރަށް އެރި ބޯޓަކީ ޖަޕާންގެ ނަގަޝީކީ ޝިޕިންގެ ބޯޓެކެވެ.

ބޯޓު ފަރަށް އަރައި، ބޯޓުން ތެޔޮ ލީކް ވާން ފެށުމުން ވެސް މޮރިޝަސް ސަރުކާރުންނާއި ބޯޓުގެ ވެރިފަރާތުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ގްރީންޕީސް" އިން ވެސް ވަނީ ބޯޓުގެ ވެރިފަރާތުންނާއި މޮރިޝަސް ސަރުކާރުން ކަންތައް ކުރަމުން ގެންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.

މޮރިޝަސް ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯޓު ފަރަށް އެރުމުން ލިބުނު ގެއްލުމުގެ ބަދަލު، ބޯޓުގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށާއި، އަދި މޫދަށް އެޅިފައިވާ ތެޔޮ ވެސް ބޯޓުގެ ވެރިފަރާތުން ސާފު ކުރަން ޖެހޭނެ ކަމަށް މޮރިޝަސް ސަރުކާރުން ބުނެއެވެ.

ބޯޓު ފަރަށް އެރި ސަރަހައްދު ކައިރިން ވަރަށް ބޮޑު ސަރަހައްދެއް ވަނީ ތެޔޮ އެޅި އެއްކޮށް ކަޅުވެފައެވެ.

ކަނޑުގެ ދިރުންތަކަށާއި އިކޯޓްއަރިޒަމަށް ބަރޯސާ ވެފައި އޮންނަ މޮރިޝަސްގެ އިޤުތިޞާދަށް މިހާދިސާގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.