އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގައި ސިފައިން ބަޣާވާތްކޮށް އެޤައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް، އދ. އާއި ޔޫރަޕިއަން ޔޫނިއަން އަދި އެފްރިކަން ޔޫނިއަން އިން ކުއްވެރިކޮށްފި އެވެ.

މި ތިން ޖަމިއްޔާ އިން މާލީގެ ހަމަނުޖެހުން ކުއްވެރިކޮށްފައި މިވަނީ، އެޤައުމުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ނިކުމެ ރައީސް އިބްރާހިމް ބޮބާކާ އާއި ބޮޑުވަޒީރު ސޮއުމޭލޯ ބޮބޭޔާ ހައްޔަރުކޮށްފައި ވަނިކޮށެވެ. މި ދެބޭފުޅުން ހައްޔަރުކޮށްފައި ވަނީ، މާލީގެ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގެ ބައިވެރިންނާއި ގުޅުނުތާ މާގިނައިރެއް ނުވަނީހެވެ.

މިކަން ކުށްވެރިކޮށް ޔޫރަޕިއަން ޔޫނިއަނުން ބުނެފައި ވަނީ، ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް މާލީގައި ހިންގުމަށް ތާއީދު ނުކުރާނެ ކަމަށާއި، މިހާރު އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ކަންކަމުގެ ސަބަބުން ޤައުމުގެ މަޝްރަހަށް ފައިދާހުރި އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މާލީގެ ބަޣާވާތާއި ގުޅިގެން އދ.ގެ ސެކިއުރިޓީ ކައުންސިލުން ވަނީ މާދަމާ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަން ނިންމާފައެވެ. މި ބައްދަލުވުމުގައި މާލީގައި ކުރިޔަށްދާ ބަޣާވާތައް ނިމުމެއް ގެނައުމާއި ގުޅޭގޮތުން ޤައުމުތަކުން މަޝްވަރާކުރާނެއެވެ.

މާލީގައި އިދިކޮޅު ސިޔާސީ ފަރާތްތައް އިސްވެ ތިބެ ހިންގަމުންދާ ބަޣާވާތް ކުއްވެރިކޮށް އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް މިރޭ ވާހަކަ ދައްކަވާފައި ވެއެވެ. މިގޮތުން ޤައުމުގެ ކަންކަން ޙައްލު ކުރުމަށް، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކަށް ގުޓަރޭޒް ވަނީ އިލްތިމާސް ކޮށްފައެވެ. ހަމައެއާއެކު އިދިކޮޅު ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މާލީގެ ރައީސާއި ބޮޑުވަޒީރު ވަގުތުން ދޫކޮށްލުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

މާލީގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެ ބަޤާވާތެއްގެ ދަށުން އެޤައުމުގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކުރަމުން މިދަނީ އެފަރާތްތަކުން މުޒާހަރާތައް ކުރިޔަށްގެންދާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. މިރޭގެ މުޒާހަރާގެ ތެރެއިން އެޤައުމުގެ ސަރުކާރުގެ ބައެއް އިސް އެހެން ބޭފުޅުންނާއި، ސަރުކާރަށް ކިޔަމަންވާ ސިފައިންވެސް ހައްޔަރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާލީގައި މުޒާހަރާ ކުރަމުން ގެންދަނީ ގައުމުގެ އިޤުތިޞާދު ދަށަށް ގޮސް، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރު ވުމުންނާއި ހަނގުރާމަވެރިންގެ ބާރުގަދަވެ، ނުރައްކާ ބޮޑުވަމުން އަންނާތީއެވެ. "ޖޫން 05 އިއްތިހާދު"ގެ ނަމުގައި ކުރިޔަށްގެންދާ މި މުޒާހަރާތައް މިދިޔަ ޖޫން މަހުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން ދެއެވެ.