އެފްރިކާ ސަރަޙައްދުގެ ގައުމެއް ކަމަށްވާ މާލީގައި ސިފައިން ބަޣާވާތްކޮށް، ހައްޔަރުކޮށްފައިވާ އެޤައުމުގެ ރައީސް އިބްރާހިމް ބޮބާކާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބޮބާކާ އިސްތިއުފާ ދެއްވާފައި ވަނީ މިއަދު، ބަޣާވާތްކުރި ސިފައިންގެ ބެލުމުގެ ދަށުން ވެރިކަންކުރާ ބަމާކޯގެ އަސްކަރީ ކޭމްޕެއްގައި ހުންނަވައިގެން ލައިވް ޓީވީގައި ވާހަކަ ދައްކަވަމުންނެވެ. ބޮބާކާގެ ވާހަކަފުޅުގައި އޭނާ ވަނީ، އިސްތިއުފާ ދެއްވަނީ ބަޣާވާތުގެ ބައިވެރިން ބިރު ދައްކައިގެންކަން ހާވަމާ ވާހަކަތަކެއް ދައްކަވާފައެވެ.

ސިފައިންގެ ބެލުމުގެ ދަށުގައި ހުންނަވައިގެން އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ބޮބާކާ ވިދާޅުވީ، މާލީގެ ރައީސްކަމުން އޭނާ އިސްތިއުފާ ދެއްވަނީ، ޤައުމުގައި އިތުރަށް ލޭ އޮހޮރުވައިގެން މަޤާމު ދިފާޢުކުރައްވަން ނޭދޭތީ ކަމަށެވެ.

"މިއަދު ޤައުމީ ދިފާޢީ ބާރުގެ ސިފައިންތަކެއް، ޤައުމުގައި ހިންގާ ބަޣާވާތް ހުއްޓާލުމަށް އޮތް ހަމައެކަނި ޝަރުތަކީ އަޅުގަނޑު މަޤާމުން އިސްތިއުފާ ދިނުން ކަމަށްވާނަމަ އިތުރު ގޮތެއް އަޅުގަނޑަށް އެބައޮތްތޯ؟" އިސްތިއުފާ ދެއްވަމުން ބޮބާކާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް ބޮބާކާ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މާލީގައި މުޒާހަރާކުރަމުން ދިޔަ މީހުން މިހާރު އަންނަނީ އުފާ ފާޅުކުރަމުންނެވެ. މިގޮތުން ކުރިޔަށްދާ ހަރަކާތްތަކުގައި ބަޣާވާތުގައި ބައިވެރިވި ސިފައިންވެސް އަންނަނީ ބައިވެރިވަމުންނެވެ.

މާލީގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެ ބަޣާވާތަކުން އެޤައުމުގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފެށީ، އެފަރާތްތަކުން މުޒާހަރާތައް ކުރިޔަށްގެންދާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

އިއްޔެގެ ވަގުތެއްގައި ބޮބާކާ ހައްޔަރުކޮށްފައި ވަނީ، އިދިކޮޅު މުޒާހަރާ އާއި މާލީގެ ސިފައިންގެ ގިނަ ބަޔަކު ގުޅުމާއެކު އެވެ. އެއާއެކު ބޮބާކާގެ އިތުރުން މާލީގެ ބޮޑުވަޒީރާއި، ފިނޭންސް މިނިސްޓަރގެ އިތުރުން ސަރުކާރުގެ އެހެން އިސް ބައެއް ބޭފުޅުންވެސް ވަނީ އެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން މާލީގެ ސަރުކާރަށް ކިޔަމަންތެރި ބައެއް ސިފައިންވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެއެވެ. ބަޣާވާތުގައި ބައިވެރިވާ ސިފައިން ވަނީ އެޤައުމުގެ ވެރިކަންކުރާ ސިޓީގެ މައި އަސްކަރީ ކޭމްޕެއް ހިފާފައެވެ.

ބަޣާވާތެއްގެ ދަށުން މާލީގެ ރައީސާއި ބޮޑުވަޒީރު ހައްޔަރުކުރުމާއި ގުޅިގެން ދުނިޔޭގެ ބައެއް ބޮޑެތި ޖަމިއްޔާތަކުން އަންނަނީ އެކަން ކުއްވެރިކޮށް އެބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.

މާލީގައި މުޒާހަރާ ކުރަމުން ގެންދަނީ ޤައުމުގެ އިޤުތިޞާދު ދަށަށް ގޮސް، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރު ވުމުންނާއި ހަނގުރާމަވެރިންގެ ބާރުގަދަވެ، ނުރައްކާ ބޮޑުވަމުން އަންނާތީއެވެ. "ޖޫން 05 އިއްތިހާދު"ގެ ނަމުގައި ކުރިޔަށްގެންދާ މި މުޒާހަރާތައް މިދިޔަ ޖޫން މަހުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝޮޓްގަން

    އެއްކަލަ ސޮރު ބުނީ ގޮނޑިން ފުންމާލީ ބޮލުގައި ބަޑިޖެއްސީމައޭ. ކޮންތާކު؟ ރޯ ބުހުތާން
    މިހާރު އެއްކަލަ ގޮނޑިން ފުންމާލި ސޮރު ގެއްލުނު އެތި ބޮޑުކަމުން އަލުން ގޮނޑިއަށް އަރަން ބަގާވާތް ކުރަން ވަކަރަށް ޖަހަނީ މިހާރު. އެކަމަކު ގޮވަނީ އަތަށް.... ކަކަކަކަކަ

    34
    3
  2. ޝާކިރާ

    ދިވެހިރާއްޖޭ ރައްޔިތުން އަދިވެސް ކެތްތެރި! މުޅި ޤަވްމު ހުރިހާދިމާއަކުން ފެއިލްވެ ޤަވްމުގެ މާލިއްޔާ ލޫޓުވާ ޤަވްމު އަޅުވެތިވަމުންދާ މަންޒަރު ހަމަލޮލަށް ފެންނައިރުވެސް ހިމޭނުން އެބަ ތިބޭވިއްޔާ!

    46
    2
  3. ސަރުބަތު

    ކުދިންނޭ ކުދިންނޭ! ޢޭނަ އެހަދަނީ ހުސްދޮގު. ޢަމިއްލައައް އިސްތިއުފާ ދީފަ މޮޔަ ގޮވަނީ. މީ ހަމަ ނަސީދު ކަހަލަ މީހެއް. ކުދިންނޭ ގަބޫލު ނުކު ރާތި މަ ރުވިޔަސް.

    33
    3
    • ކަދުރު

      ހަހަހަހަހާހަހާ!