ބްލެކްސީގެ ދެކުނު ފަޅީގައި އޮންނަ ތުރުކީއަށް، އެޤައުމުން އެ ކަނޑު ޙިއްސާކުރާ ސަރަޙައްދުން ގޭސް ވަޅެއް ފެނިއްޖެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުރެވުނު ދިރާސާތަކަށް ފަހު މި ގޭސް ވަޅު ފެނިފައިވާކަން އިއުލާނުކުރެއްވީ ތުރުކީގެ ރައީސް، ތައްޔިބް އުރުދުޣާން އެވެ. އުރުދުޣާން ވިދާޅުވީ، އެޤައުމުން ހޯދި ގޭސް ވަޅުގައި 320 ބިލިއަން ކިއުބިކް މީޓަރުގެ ބޮޑު ސަރަޙައްދެއްގައި ޤުދުރަތީ ގޭސް ހުރި ކަމަށެވެ. މިއީ މިހާތަނަށް ތުރުކީން ހޯދި މިފަދަ އެންމެ ބޮޑު ގޭސް ވަޅެވެ.

މި ހޯދުނު ހޯދުމާއި ގުޅިގެން ތުރުކީއަށް އިޤްތިސާދީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އިޤްތިސާދީ މާހިރުން ބުނަމުންދާއިރު، މި ގޭސް ވަޅު ބޭނުންކުރަން ފެށުމުން އެހެން ޤައުމުތަކުން ގޭސް އެތެރެކުރުން އެޤައުމުން ހުއްޓާލާނެއެވެ. އުރުދުޣާން ވިދާޅުވީ، ކުރިޔަށް އޮތް ތިން އަހަރެއްހާ ދުވަސް ތެރޭގައި މި ގޭސް ވަޅު ބޭނުންކުރަން ފެށި، އެޤައުމުން އެހެން ޤައުމުތަކަށް ގޭސް އެކްސްޕޯޓް ކުރަން ފަށާނެ ކަމަށެވެ.

ތުރުކީގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުން ފެނުނު މި ބޮޑު ގޭސް ވަޅު ހޯދުމާއި ގުޅިގެން އުރުދުޣާން އިތުރަށް ވިދާޅުވެފައި ވަނީ އެ ސަރަޙައްދުގައި މިފަދަ އިތުރު ގޭސް ވަޅުތައްވެސް ހުރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ސަރަޙައްދުގެ އިތުރު ދިރާސާތަކާއި ހޯދުންތައް ކުރިޔަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރުދުޢާން ވިދާޅުވީ، އެޤައުމަށް ހޯދިފައިވާ ތެޔޮވަޅުގެ ސަބަބުން އިޤްތިސާދީ ބޮޑެތި ކުރިއެރުންތައް ލިބި، ގޭސް ހޯދުމުގައި އެހެން ޤައުމުތަކަށް ބާރޯސާވާ މިންވަރު ދަށްވެގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރަންޖެހޭ ހޭދަތައްވެސް ވަރަށް ބޮޑުތަނުން މަދުވެ މުސްތަޤުބަލަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙާލަތު

    މާތްﷲގެ މަގަށް ރުޖޫޢަވެއްޖެނަމަ ގިނަގުނަވެގެންވާ ނިޢުމަތްތައް އަހަރެމެން ހީވެސްނުކުރާ ގޮތްގޮތުން ދެއްވަވާ އިތުރު ކުރައްވާނެ. މާތް ﷲގެ މަގުން އެއްފަރާތްވެ އުޅޭނަމަ އޮތީ ދަތިކަމާއި އުނދަގޫކަން. ހީވެސް ނުކުރާފަދަ މުސީބާތްތަކާއި ބަލިމަޑުކަން ފެތުރޭނެ.

    22
  2. ނުރަބޯ

    ދިވެހި ޚާއިނުންގެ ބަޔަކު މި ގައުމުގެ ވެރިކަން ވަގަށް ނުނެގި ނަމަ މިއަދު ދިވެހިންނަށްވެސް އެފަދަ ނަޞީބެއް ލިބުން ވަރަށް ގާތް.

    11
    5
  3. ތަހުޒީބަކީ ކޮބާ

    އިޒްރޭލާއި އެމެރިކާއިން މޭކަރާނެ، މާދަމާ ނޫން ކަމެއް ނޭނގެ ދޮގެއް ހަދާފަ ތުރުކީއަށް އަރައިގަންނާނީ.

    13
  4. ދަރަނި ދަންތުރަ

    ރީނދޫގުރޫޕު މިއީ ލާދީނީ ގުރޫޕެއް މިގައުމުގެ ވެރިކަމަށް އައުމާއެކު ދީނަންފުރައްސާރަކުރާނެ ، އޭގެފަހުގައި މިގައުމުގެ ހާލަތުނިކަމެތިވެ ރައްޔިތުންބިކަވެ ހާލުގައިޖެހޭ

  5. ޕީޖޭ

    ޙަމްދު ހުރީ ﷲ އަށް..ތުރުކީގެ ރައީސް އުރުޤާން އަކީ ބައިބައިވެފައިވާ މުސްލިމުން އެއްގަލަށް އަރުވަން މަސައްކަތްކޮށް ގިނަ މުސްލިމް ޤަވްމުތަކަށް އެހީވާ ﷲގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ ކެރޭ ލީޑަރެެއް...އެހެންވެ މޮސާޑް އަޑީގައި އޮވެ ތުރުކީގެ ސިފައިންގެ ތެރެއިން މަދު ބަޔަކު ބަޤާވާތްކޮށް އުރުޣާންގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރީ ނިމިގެން ދިޔަ އަހަރު..ﷲ ރަހްމަތްފުޅު ތަނަވަސް އެކަމެއް ނުވި...
    މުސްލިމުން އަޙުންނަށް މޮޅެއް ލިބުމުން ވ އުފާވި ތކޔ

    11