އިރުަމަތީ އަފްޣާނިސްތާނުގެ މަގެއްގައި ބޮމެއް ގޮއްވާލުމުން ހަތް މީހަކު މަރުވެއްޖެއެވެ. މި ހަމަލާގައި މަރުވެފައި ވަނީ ތިން އަންހެނުންނާއި ދެ ފިރިހެނުންނާއި ދެކުޑަކުދިންއެެވެ. މި ހަމަލާ ދީފައިވަނީ ތާލިބާނުންނާއި އަފްޣާން ސަރުކާރާއި ދެމެދު ސުލްހައިގެ ވާހަކަތައް ފެށިފައި ވަނިކޮށެވެ.

މިހަމަލާ ދީފައި މިވަނީ ޠާލިބާނުންނާއި އަފްޣާނިސްތާން ސަރުކާރާއި ދެމެދު ކުރެވޭ މަޝްވަރާތަކުން އަފްޣާނިސްތާނުގެ މަސްރަހަށް ކޮންމެވެސް ވަރަރެއްގެ ހަމަޖެހުމެއް އައިސްދާނެ ކަމުގެ އުއްމީދު އާވެފައި ވަނިކޮށެވެ.

އދ.އިން ޖުލައި މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާންގައި ދިން މިފަދަ ހަމަލާތަކުގެ ސަބަބުން 1282 އަށްވުރެ ގިނަ މީހުންވަނީ ނިޔާވެފައެވެ. އަދި އެތައް ސަތޭކަ މީހުނެއްވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގެ ސަބަބުން ސީދާކޮށާއި ނުސީދާކޮށް ވެސް އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ އަންހެނުންނާއި ކުޑަކުދިންނަށް ކަމަށްވެސް މި ރިޕޯޓްގައިވެއެވެ.

އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައި ތިބި ހަނގުރާމަވެރިން ދޫކޮށްލުމާއި މެދު އަފްޣާން ސަރުކާރާއު ޠާލިބާނުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކަށް އަދިވެސް ހައްލެއް ނުލިބެއެވެ. ދެފަރާތުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުން ވެސް މާރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމަކަށް އަފްޣާން ރައްޔިތުން އުއްމީދެއް ނުކުރެއެވެ. ޠާލިބާނުންގެ ހަނގުރާމަވެރިން ބަންދުން ދޫކުރުމަކީ އަފްޣާނިސްތާންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

1994 ވަނަ އަހަރު އުފެދުނު ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާންގެ ވެރިކަން ކުރަމުން ދަނިކޮށް އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ޠާލިބާނުންގެ ވެރިކަން ވައްޓާލީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން އަފްޣާނިސްތާން މަސްރަހަށް ހަމަޖެހުން އައިސްފައެއް ނުވެއެވެ.