އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ދިމާވެފައިވާ ސިއްޙީ ހާލަތެއްގެ ސަބަބުން އޭނާ ކޯމާއެއްގަތް އޮތް ކަމަށާއި، އެހެންކަމުން މިހާރު ޤައުމުގެ ވެރިކަމުގެ ބައެއް ބާރުތައް އޭނާގެ ކޮއްކޮ ކިމް ޔޯ-ޖޮންގް އަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެކުނު ކޮރެއާގެ ކުރީގެ ރައީސް، ކިމް ޑައޭ-ޖަންގްގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ޗަން ސޮންގް-މިން އާއި ހަވާލާދީ ނޫސްތައް ބުނާގޮތުން އުތުރު ކޮރެއާގެ ވެރިކަންކުރާ ޕާޓީން އަންނަނީ އެޤައުމުގެ ލީޑަރަށް ދިމާވެފައިވާ ސިއްޙީ ހާލަތު ސިއްރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ކިމް އޮތީ ވެރިކަން ކުރެވޭފަދަ ހާލަތެއްގައި ނޫންކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

ކިމް ޖޮންގް-އުން ކޯމާއެއްގައި އޮތްކަމަށް ބުނާ ވާހަކަތައް ފެތުރެމުން މި އަންނަނީ، މިއަހަރުގެ ގިނަ އާންމު ހަފްލާތަކުން އޭނާ ނުފެންނާތީ އޭނާއަށް ސިއްޙީ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ޤަބޫލުކުރެވިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން މީގެ ކުރިން އޭނާ ބައިވެރިވެފައިވާ، އެޤައުމުގެ އެންމެ ބޮޑު ރަސްމިއްޔާތުތަކުން ވެސް މިއަހަރު ކިމް ފެނިފައި ނުވަނީ އެ ސަބަބަށްޓަކައި ކަމަށް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ދެކުނު ކޮރެއާގެ އޮފިޝަލް، ޗަން ސޮންގް-މިން އިތުރަށް ބުނެފައިވާ ގޮތުން، އުމުރުން 36 އަހަރުގެ ކިމް މިހާރު ކޯމާއެއްގައި އޮތް ނަމަވެސް އޭނާ އަދި މަރެއް ނުވެއެވެ. އެހެންކަމުން މި ހާލަތުގައި ވެރިކަމުގެ ބައެއް ބޮޑެތި ބާރުތައް އޭނާގެ ކޮއްކޮއަށް ދީފައިވާކަމަށް ސޮންގް ބުނެއެވެ.

ކިމް ޖޮންގް-އުން އަށް ދިމާވެފައިވާ ސިއްހީ ހާލަތާއި ގުޅިގެން އޭނާ މީގެ ކުރިން ކޮއްކޮ، ކިމް ޔޯ-ޔޮންގް ޤައުމުގެ ދެވަނައަށް އެންމެ އިސް ލީޑަރަކަށް ޕްރޮމޯޓް ކޮށްފައިވާ ކަމުގެ ޚަބަރުތައް ވެސް މިދިޔަ ހަފްތާތެރޭ ފެތުރިފައި ވެއެވެ. އަދި ޤައުމުގެ އެންމެހާ ޒިންމާތަކާއި މިހާރު ހަވާލުވެ ހުރީ ޔޯ ކަމަށް ޖާސޫސީ އިދާރާތަކާއި ހަވާލާދީ ދެކުނު ކޮރެއާގެ ނޫސްތަކުންވެސް ރިޕޯޓްކޮށްފައި ވެއެވެ.

ކިމް އާއި ބެހޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އުތުރު ކޮރެއާގެ ރަސްމީ ފަރާތަކުން އެއްޗެއް ހާމަކޮށްފައި ނުވާއިރު، ދާދިފަހުން އޭނާގެ ހިތުގެ އޮޕަރޭޝަނެއް ކުރެވުނު ކަމަށް ވެއެވެ. އެ އޮޕަރޭޝަނަށް ފަހު މަދު ފަހަރެއްގައި އޭނާ އާންމު ތަންތަނުން ފެނިފައިވީނަމަވެސް، ހާލު މުޅިން ރަނގަޅު ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް އާންމު އެއްވެސް ތަނަކުން ކިމް ނުފެނި ދުވަސްތަކެއް ވުމުން މިފަދަ ވާހަކަތައް ފެތުރިފައި ވެއެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް 40 ދުވަސްވަންދެން އޭނާ ނުފެނުމުން ވެސް ކަންބޮޑުވުންތައް އިތުރުވެގެން ދިޔައެވެ. އުތުރު ކޮރެއާ އަކީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާއި ވެސް ގުޅުން ކުޑަ ޤައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލަމް

    މިގައުމުގައި ވެސް އެބަހުރި އެކަހަލް ލޮލަށް ނުފެންނަ މީހެއް. އެކަކުވެސް ކަންބޮޑެއްނުވޭ

    35
  2. ބޯކިބާ

    އެއްކަލަ ޕުރޮޕެގެންޑާ ފަތުރަން ފެށީއޭ ހަމަ. ކޮބާތަ ރާއްޖޭގަ މިކަހަލަ ޕުރޮޕެގެންޑާ ފެތުރުމުގެ އަސްލު ބޭނުމަކީ؟

    4
    18
  3. އެމަންޖެ

    ތިގައުމުވެސް ކެނެރީގޭ ބުއްޅަބެޔާ ހަވާލުކޮއްލަބަލަ ނިކަން އެއްދުވަހުން ކައި ހުސްކޮއްލާނެ.

    22
    3