ނިއުޒިލެންޑްގެ ކްރިސްޗާޗްގައި މިދިޔަ އަހަރު ދެމިސްކިތަކަށް ހަމަލާދީ 51 މީހަކު މަރާލުމުގެ ޖަރީމާ ހިންގި ނިރުބުވެރިޔާ (ޓެރަރިސްޓް) ބްރެންޓޮން ޓަރަންޓް މިސްކިތްތަކަށް ހަމަލާދޭން އެތައް އަހަރެއް ވަންދެން ރާވަމުން ގެންދިޔަ ކަމަށް ނިއުޒިލެންޑްގެ ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފިއެވެ.

ޓަރަންޓްގެ މައްޗަށް ވަނީ 51 މީހަކު މަރާލުމާއި، 40 މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލާފައެވެ. އޭނާ ވަނީ މީގެ ކުރިން ޝަރީޢަތުގައި ހުރިހައި ކުށަކަށް އިއުތިރާފު ވެސް ވެފައެވެ. މިއަދު ވަނީ ޓަރަންޓްގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީޢަތް ފަށާފައެވެ. ބެލެވޭ ގޮތުގައި މިހަފްތާގެ ފަހުކޮޅު އޭނާގެ މައްޗަށް ޙުކުމް އިއްވާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓަރަންޓްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނީ ޕެރޯލް ވެސް ނުލިބޭ ގޮތައް ކަމަށް ލަފާ ކުރެވެއެވެ.

ކޯޓުގައި ވާހަކަ ދައްކަމުން ޕްރޮސެކިއުޓަރުން ބުނީ ޓަރަންޓް މިސްކިތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ބޭނުމަކީ ނިއުޒިލެންޑްގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ކަމަށް އޭނާ ފުލުހުންގެ ތަޙްޤީޤުގައި ބުނެފައިވާ ކަމަށެވެ. އަދި ޔޫރަޕް ފިޔަވައި އެހެން ގައުމުތަކުގެ މީހުން ނިއުޒިލެންޑަށް ހިޖުރަކޮށްގެން ނިއުޒިލެންޑްގައި ދިރިއުޅުން އެއީ ޓަރަންޓް ބޭނުންވާ ކަމެއް ނޫން ކަމަށާއި އެހެންކަމުން މިފަދަ ހަމަލާއެއް އޭނާ ރާވަމުން ގެންދާތާ އަހަރުތަކެއް ވެއްޖެ ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

ޓަރަންޓްގެ ޝަރީޢަތުގައި މިހާރު ކޯޓުން ވަނީ އަނިޔާ ލިބުނު މީހުންގެ އާއިލާތަކުގެ 200 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގާފައެވެ. މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން ޓަރަންޕްގެ ހަމަލާގައި މަރުވި ބައެއް މީހުންގެ އާއިލާތަކަށް ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ޓަރަންޓްގެ ޝަރީޢަތް އަޑުއަހަން ގިނަ ބަޔަކު ކޯޓަށް ވަނެވެ. ކޮވިޑް-19 ފެތުރެމުން ގެންދާތީ ޝަރީޢަތް އަޑުއަހަން ވަން މީހުން ބޭތިއްބީ ގައިދުރުކޮށް ކޯޓުގެ ތަފާތު ހަތް ރޫމެއްކައެވެ. އެމީހުން ޝަރީޢަތުގެ މަޖިލިސް ބެލީ ވީޑިއޯ އިންނެވެ.