ފަލަސްތީނުގެ ޣައްޒާގެ މުޖުތަމަޢުގެ ތެރެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ވޭދަނަ (ކޭސް) ތަކެއް ފެންމަތިވުމާއި ގުޅިގެން އެ ސިޓީ ފުރަބަންދުގެ ހާލަތަށް ގެންގޮސްފިއެވެ.

ފަލަސްތީނުގެ ނޫސް އިދާރާތަކުން ބުނާގޮތުން ޣައްޒާއިން އިއްޔެ ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ ހަތަރު މީހަކު ފެނިފައެވެ. މި ހަތަރު މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ. ނަމަވެސް އެމީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ.

އެއް އާއިލާއެއްގެ ހަތަރު މީހުން ފައްސިވެފައި ވަނީ ޣައްޒާގެ ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ރެފިއުޖީ ކޭމްޕަކުންނެވެ. އެހެންކަމުން އެ ކޭމްޕުގައި މި ބައްޔަށް ފައްސިވެފައިވާ އިތުރު ބަޔަކުވެސް ތިބެދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

ޣައްޒާއިން ބަލި ޖެހިފައިވާ ބަޔަކު ފެނި، ޖަމާޢަތީ ފެތުރުމަކަށް (ކޮމިއުނިޓީ ސްޕްރެޑަކަށް) ހިނގައިދާނެ ކަމުގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމަށްޓަކައި އެ ސިޓީ ފުރަބަންދު ކޮށްފައިވަނީ 48 ގަޑިއިރަށެވެ. ފުރަބަންދާއެކު، އެ ސިޓީން ފައްސިވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.

ޣައްޒާއިން މީގެ ކުރިން މުޖުތަމަޢުގެ ތެރެއިން ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ނުވީނަމަވެސް، އެ ސިޓީގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި މި ބައްޔަށް ފައްސިވާ މީހުން ތިބެއެވެ. އެއީ އެހެން ހިސާބުތަކުންނާއި ޤައުމުތަކުން އެ ސިޓީއަށް ދަތުރުކުރާ މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުން މީގެ ކުރިން މަރުވެފައި ވެސް ވެއެވެ.

ޣައްޒާއަކީ ދެ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. އެހެން ހިސާބުތަކުން އެ ސިޓީއަށް އެތެރެވުމުގެ ހުއްދަ ލިބެނީ 21 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހޭދަކުރުމަށް ފަހުއެވެ.

ޣައްޒާ އޮންނަ ފަލަސްތީނުގެ އެކި ހިސާބުތަކުން އިއްޔެ އެކަނިވެސް 411 މީހަކު ހިމެނޭހެން މިހާތަނަށް 19,213 މީހަކު ފައްސިވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ ތެރެއިން 133 މީހަކު ނިޔާވެފައި ވާއިރު، ބަލިން ރަނގަޅުވީ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 11,870 މީހެކެވެ. އެހެންކަމުން މިވަގުތު ފަލަސްތީނުގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ 7,210 މީހަކަށެވެ.

ފަލަސްތީނުގެ އިތުރުން އެޤައުމުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއިލް އިންވެސް ކޮވިޑް-19 ގެ ގިނަ ވޭދަނަތައް އަންނަނީ ފެންމަތިވަމުންނެވެ. މިގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއިލްގެ ހާލަތު ގޯސްވެ، އެޤައުމުން ފައްސިވީ މީހުންގެ އަދަދު ވަނީ ލައްކައަކަށްވުރެ އިތުރުވެފައެވެ. އިސްރާއިލް އިން މިހާތަނަށް 847 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ.