ނިއުޒިލެންޑްގެ ދެމިސްކިތަކަށް މިދިޔަ އަހަރު ހަމަލާދީ ނަމާދަށް ތިބި 51 މުސްލިމަކު މަރާލި ނިރުބުވެރިޔާ (ޓެރަރިސްޓް) ޕެރޯލް ވެސް ނުލިބޭ ގޮތައް އުމުރަށް ޖަލަށް ލުމަށް މިއަދު ނިއުޒިލެންޑްގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ބްރެޓޮން ޓަރަންޓް އުމުރަށް ޖަލަށް ލާން ޙުކުމް ކުރީ އޭނާގެ މައްޗަށް އުފުލި ގަސްދުގައި 51 މީހަކު މަރާލުމުގެ ކުށުގެ ދައުވާ އާއި 40 މީހަކު މަރާލަން ގަސްދުގައި ހަމަލާ ދީފައިވާ ކަމުގެ ދައުވާ އާއި އަދި ނިރުބުވެރި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާތީއެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޓަރަންޓްގެ މައްޗަށް ކުރި ޙުކުމުގައި އޭނާ އަށް ދުވަހަކު ވެސް ޕެރޯލްގެ ފުރުސަތު ނުލިބޭނެ ކަމަށް ލިޔެފައި ވާއިރު މިއީ ނިއުޒިލެންޑްގެ ތާރީޚްގައި ވެސް ޕްރޯލް ނުލިބޭ ގޮތައް މީހެއްގެ މައްޗަށް ޙުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

ޓަރަންޓްގެ މައްޗަށް ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރު ކެމެރޮން މެންޑާ ވިދާޅުވީ ޓަރަންޓް ކުރި ނުބައި ނުލަފާ އަމަލަށް ފަހު ވެސް އެއީ ކުށެއް ކަމަށް ޓަރަންޓް ގަބޫލު ނުކުރާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް އިއްވަން ޖެހޭ ޙުކުމް ބޮޑު ވާން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ކަލޭ މަރުވަންދެން ޖަލުގައި ބޭއްވި ނަމަވެސް އެއީ ކުރި ކުށަށް އެންމެ އެކަށީގެންވާ އަދަދު ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން." ފަނޑިޔާރު ޙުކުމް އިއްވަމުން ވިދާޅުވިއެވެ.

ޓަރަންޓްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ޙުކުމާއި ގުޅޭ ގޮތުން އޭނާގެ ވަކީލު މީޑިއާ އަށް ބުނީ ޓަރަންޓްގެ މައްޗަށް އައި ޙުކުމާއި ޓަރަންޓް ދެކޮޅު ނުހަދާ ކަމަށެވެ.

ޓަރަންޓްގެ މައްޗަށް އަދަބު ކަނޑައަޅަން މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސެކިއުޓަރުން ބުނީ ޓަރަންޓް މިސްކިތްތަކަށް ހަމަލާދޭން ރާވަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އޭނާ ބޭނުންވީ ނިއުޒިލެންޑަށް ހިޖުރަކުރާ މީހުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދަން ކަމަށް ވެސް ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިންތު

    އަލްޙަމްދު ލިއްލާހި. ނިޔުޒިލެންޑް ގެ ސަރުކާރަށާއި ފަނޑިޔާރުންނަށް ހަމަ ޝުކުރު އަދާކުރަން

    31
  2. ައަޙުމަދު

    ألحمدلله

    21
  3. ދަރަނި ދަންތުރަ

    ކީއްވެ އެތަށްބަޔަކު މެރި މީހަކު މަރަން ހުކުމްނުކުރީ 51 މީހުން މަރާލީމަވެސް އޭނަ ފަހުނޭވާލަންދެން ދުނިޔޭގަ އުޅެން ފުރުސަތު ދިނީތަ ؟ މިއީތަ ހުޅަގުގެ ގައުމުތަކުން އެބުނާ އިންސާނީ ހައްގަކީ ޒަމާނީ ޑިމޮކުރަސީޔަކީ ، މުސްލިމެއްގެ ހައިސިއްޔަތުން ތިޔަހުކުމް ގަބޫލެއްނުކުރަން މަރަން މަރުހިފަންޖެހޭނި ...

  4. ބޯ ޖަލީލު

    އޭނަޔަށް ތިޔަދިނީ އިނާމެއްދޯ އެހެން މީހުން ތިޔަފަދަ އަމަލުތަށް ކުރަން ހިއްވަރެއް ތުޔަދިނީ 51 މީހުން މަރާލީމަ ވެސް ޖަލަން އަތުން ފައިން ކަމެއް ނުކޮށް މީރުކޮން ކައިގެން ޖަލުގަ ހުއްނާށޯ ތިޔައޮތީ އިންސާފު ދިޔާވެގެން ފައިބާފަ....