ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓު މެދުވެރިކޮށް ގޭގައި ތިބެ ކިޔަވަން ޖެހިފައިވާ އިރު، އެ ހިދުމަތް ނުލިބޭ 463 މިލިއަން ކުދިން ކިޔެވުމުން މަހްރޫމްވެފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއްގެ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އެހެންވެ، ދަރިވަރުންނަށް ކިޔަވައިދެނީ ވާޗުއަލްކޮށެވެ. ގިނަ ގައުމުތަކުގައި އެއީ ކާމިޔާބު އުކުޅަކަށް ވަނީ ވެފައެވެ.

ޔޫއެންގެ ޗިލްޑްރެން ފަންޑުން ބުނި ގޮތުގައި 463 މިލިއަން ކުދިންނަށް ވާޗުއަލްކޮށް ކްލާސްތަކުގައި ބައިވެރި ނުވެވެއެވެ. ސަބަބެއްގެ ގޮތުގައި ވަނީ އެކަށީގެންވާ ވަރުގެ ވަސީލަތްތައް ނެތުމާއި އިންޓަނެޓަށް ވަނުމުގެ ފުރުސަތު ނުލިބޭތީއެވެ.

ދުނިޔޭގެ 100 ގައުމަކާ އެކު، ހެދި ދިރާސާ ދައްކާ ގޮތުގައި ދެކުނު އޭޝިއާ، އެފްރިކާ، ޕެސިފިކް ބައެއް ގައުމުތަކުގެ ދަރިވަރުންނަށް މިކަމުގެ އަސަރު ވަނީކޮށްފައެވެ. ބައެއް ދަރިވަރުންނަށް މިކަމުގެ އަސަރު އެތައް މަހެއް ވަންދެން ވަނީ ކޮށްފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 24 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި 800،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 16 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.