ކޮވިޑް-19ގެ ސަބަބުން މެލޭޝިއާގައި އިއުލާނު ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަހަރު ނިމެންދެން ދަމަހައްޓަން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަ ކޮށްފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު އެގައުމުގައި ރަނގަޅުވި ނަމަވެސް، އެބަލި އެއްކޮށް ދުނިޔެއިން ފިލައިގެން ނުދާ ކަމަށާއި ބަލީގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އެހެންކަމުން ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅައި ރައްކާތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާސީން ވިދާޅުވީ، އެގައުމުގެ ރައްޔިތުންގެ ސަލާމަތައްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާނުލާން ނިންމާފައިވާ ކަމަށެވެ.

ޔާސީން އިތުރަށް ވިދާޅުވީ، ފިޔަވަޅުތައް އުވާނުލައި ދެމެހެއްޓުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މިހާރުވެސް އަމަލު ކުރަމުން އަންނަ އުސޫލުތަކުގެ މަތިން މާސްކު ބޭނުން ކޮށްގެން ގިނަގިނައިން އަތްދޮވެ ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަކީ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަމެއް ކަމަށެވެ.

އެގައުމުގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފަތުރުވެރިން އައުން މަނާ ކުރުމާއި ނައިޓްކްލަބްތައް ބަންދު ކުރުން ހިމެނެއެވެ.

މެލޭޝިއާއިން މިހާތަނަށް 9,317 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެގައުމުން 125 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އަދި އެގައުމުން 9,038 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާދެމުން އަންނަނީ 154 މީހަކަށެވެ.