އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާ ބިންމައްޗަށް ވައްޓާލާ އޭނާގެ ކަރަށް ފައިން އަރައި އިށީންދެގެން އިން ފުލުހުންގެ އޮފިސަރު ޑެރެކް ޗައުވިންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް ކޯޓުން ބޭރުކޮށްލުމަށް އޭނާ އެދިއްޖެއެވެ.

ފްލޮއިޑްގެ ކަރުގައި ޗައުވިން ފައި އެޅުމުން ފްލޮއިޑް ވަނީ މަރުވެފައެވެ. ފްލޮއިޑް މަރުވުމުން އެމެރިކާ އާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގައި ވެސް ވަނީ އެމެރިކާ ފުލުހުންގެ އަނިޔާވެރިކަމާއި، ކަޅު ނަސްލުގެ މީހުންނާއި މެދު އެމެރިކާ އިން ގެންގުޅޭ ތަފާތު ކުރުންތަކާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން ޗައުވިންގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ ގަސްދެއް ނެތި މީހަކު މަރާލުމުގެ ދައުވާ އާއި ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ އާއި، އަދި ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުމުގެ ދައުވާއެވެ.

މިމައްސަލައިގައި އިތުރު ތިން ފުލުހުންގެ އޮފިސަރެއްގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ. އެމީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޗައުވިން ކުރި އަމަލުތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިން ކަމަށް ބުނެއެވެ. ޗައުވިން އާއި ދެން މިމައްސަލައިގައި ހިމެނޭ ތިން ފުލުހުން ވެސް ވަނީ މިހާރު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

ޗައުވިންގެ ވަކީލު ކޯޓުގައި ބުނެފައި ވަނީ ޗައުވިންގެ މައްޗަށް މިމައްސަލައިގައި އުފުލާފައި ވަނީ އުފުލަން ޖެހޭ ދައުވާތަކެއް ނޫން ކަމަށެވެ. ވަކީލު ބުނާ ގޮތުގައި ފްލޮއިޑް ހައްޔަރު ކުރުމުގައި ޗައުވިން ކުރި އަމަލީ ޤާނޫނުތަކާއި ޤަވައިދުތަކުގެ ދަށުން ކުރުން ހުއްދަ އަމަލެކެވެ. ހައްޔަރު ކުރާ މީހެއްގެ ކަރުގައި އެގޮތައް ފައި އެޅުން މިހާދިސާ ހިނގި މިނެޕޮލިސް ސަރަހައްދުގައި މަނަލެއް ނޫނެވެ. އެހެންކަމުން އެފަދަ ކަމެއް ފުލުހަކު ކޮށްގެން މީހަކު މަރުވި ނަމަވެސް އެކަމުގެ ޒިންމާ ފުލުސް އޮފިސަރު ނަގަން ނުޖެހޭނެ ކަމަށް ވަކީލު ބުނެއެވެ.

ދައުވާތައް ބޭރު ކުރުމަށް ޗައުވިންގެ ވަކީލު އެދުނު ނަމަވެސް އެކަމާއި ގުޅިގެން ފަނޑިޔާރު އަދި ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ތިކަހަލަވަކީލުންނަށްވެސް ޖެހޭނީ ތިކަމުގައި ބައިވެރިވިކަމަށް ނިންމައި އޭނާއާއި ދެކޮޅަށް މައްސަލަ ހުށަހަޅަން، އިންސާނިއްޔަތުގެ ކަންފުޅެއްވެސްނެތީތާ، އިންސާނެއްގެ ފުރާނަދުއްވާލިއިރު އެއީ މައްސަލައެއްކަމަކަށް އޭނާޔަކަށްނުވޭވިއްޔާ.

    35
    2