އަރަބި ގައުމުތަކާއި އިސްރާއީލާއި ގުޅުން ބަދަހިކުރުމަށް ވަރަށް ގިނަ އަރަބި ގައުމުތަކާއި އެކު މިހާރު ސިއްރުން މަޝްވަރާ ކުރަމުން އެބަގެންދާ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުން ވަނީ ދާދިފަހުން ޔޫއޭއީ އާއި ހާރިޖީ ގުޅުން ގާއިމުކޮށް، ގިނަ ދާއިރާތައް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައެވެ. މީގެ ކުރިން ޔޫއޭއީ އަކީ ވެސް އިސްރާއީލާއި ފާޅުގައި ދެކޮޅު، އިސްރާއީލްގެ އިޤުތިޞާދީ ހުރިހާ ހަރަކާތެއް ބޮއިކޮޓް ކޮށްފައި އޮންނަ ގައުމެކެވެ.

އިއްޔެ ތެލްއަވީވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ ވަރަށް ގިނަ އަރަބި ގައުމުތަކުގެ ސަރުކާރުތަކާއި، މުސްލިމުން ލީޑާރުންނާއި އެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

"އިސްރާއީލް ސްޓޭޓެއްގެ ގޮތުގައި ބަލައިގަނެ އިސްރާއީލާއި ގުޅުން ބަދަހި ކުރުމަށް އަރަބި ގައުމުތަކާއި މުސްލިމް ލީޑަރުންނާއި އެކު ސިއްރުން މަޝްވަރާތައް ކުރިއަށް އެބަދޭ." ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ބުނީ އިސްރާއީލް ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމަށް މިހާރު ކޮންމެހެން ފަލަސްތީން ރައްޔިތުންގެ ރުހުން ބޭނުން ނުވާ ކަމަށެވެ. "ފަލަސްތީން ރައްޔިތުންގެ އާނބަސް ލިބޭތޯ އަހަރެމެން މަޑުކޮށްފިން. ނަމަވެސް އުމުރު ދުވަހު ފަލަސްތީން ރައްޔިތުންގެ ރުހުން ހޯދަން އަހަރެމެން މަޑުކުރާކަށް ނުޖެހޭނެ." ނަތަންޔާހޫ ބުންޏެވެ.

އަރަބި ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގައި ނަތަންޔާހޫ ކުރިއެރުންތައް ހޯދި ނަމަވެސް އޭނާ އަށް ގައުމުގެ އެތެރެއިން މިހާރު ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކަކާއި ފާއިތުވި 20 އަހަރު ތެރޭގައި ވެސް ކުރިމަތި ނުވާވަރުގެ ގޮންޖެހުންތަކެކެވެ. ނަތަންޔާހޫގެ ސަރުކާރާއި ދެކޮޅަށް ކޮންމެ ހަފްތާ ބަންދެއްގައި އިސްރާއީލްގެ ގިނަ އަދަދެއްގެ މީހުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އެހެންކަމުން ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ނަތަންޔާހޫގެ ސިޔާސީ ހަޔާތް ދާދިއަވަހަށް ނިމިގެން ހިނގައިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒައިނުލްއާބިދު

    ޢިޒްރޭލަކީ ބާރުގަދަ ގައުމެއްކަމުން މިޒަމާނުގެ ހަތިޔާރުބޭނުންކޮށްގެން ހަނގުރާމަކޮށް އިޒްރޭލުބަލިކޮށް ފަލަސްތީނުމިނިވަން ކުރުންއެއީ ދަތި ގެއްލުންބޮޑުކަމަކަށްވެދާނެ. އިޒްރޭލު އަތްދަށުލާނެ އެހެން ޕްލޭނަކަށް ވިސްނާއިރު ފަސޭހަގޮތެއް އިޒްރޭލުގެ ވީޖާވެސް ގިނަ އަންހެނުންނާ މުސްލިމު ފިރިިހެނުން އިނދެ އިސްލާމްކޮށް ލިބޜލޭދަރިންވެސް މުސްލިމުންނަށް ހެދުން. ނަތީޖާއަކީ ޔަހޫދީންގެ އިތުރުނުވެ އިތުރަށް5 މަދުވެ މުސްލިމުންނަށް މެޖޯރިޓީލިބުން.

    4
    3