ފަލަސްތީނު ސަރުކާރުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަނބުރާ ގައުމަށް ގެންދަވަން ނިންމަވައިފިއެވެ.

އެމެރިކާގެ ވޮޝިންޓަންގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ހުސާމް ޒަމްލޫތު، މާދަމާ އެނބުރި ފަލަސްތީނަށް ވަޑައިގަންނަވާނެ ކަމަށް ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

ފަލަސްތީނުގެ ސަފީރު އަނބުރާ މި ގެންދަވަނީ، އިސްރާއީލުގެ ތެލް އަވީވްގައި ހުރި އެމެރިކާ އެމްބަސީ، ގުދުސްއަށް ބަދަލު ކޮށްފައި ވަނިކޮށެވެ.

ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަނީ ވަރުގަދަ މުޒާހާރާތަކެއް ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 61 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެން މައްޗަށް އަރައެވެ.

ހޯމަ ދުވަހު ދޭންފެށި މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ މިހާތަނަށް ހަ ކުއްޖަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ބޮޑު ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ.