އިންޑޮނީޝިއާއަށް ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ އިންޑޮނީޝިއާގެ އިރުމަތީވާ ޕަޕުއަ ޕްރޮވިންސުގެ ޖަޒީރާ ރަށްތައް ހުންނަ ސަރަޙައްދަކަށެވެ.

ބިންހެލުންތައް މޮނިޓާކުރާ އިދާރާތަކުން ބުނެފައިވާ ގޮތުން މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 5.2 ގެ ބާރުމިނުގައެވެ.

މި ބިންހެލުން އައީ އެ ސަރަޙައްދުގެ ބިމުގެ 90 ކިލޯމީޓަރު އަޑިންނެވެ.

މިރޭ ރާއްޖެ ގަޑިން 2:00 ހާއިރު އައި މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރު ނެރެފައެއް ނުވެއެވެ. އަދި މި ބިންހެލުމުގައި، ބިންހެލުން އައި ސަރަޙައްދުގެ ރަށްތަކަށް ގެއްލުމެއް ލިބުނު ކަމަށްވެސް މިހާތަނަށް އިދާރާތަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

މިރޭ އިންޑޮނީޝިއާއަށް ބިންހެލުމެއް އައިސްފައިވާއިރު، އިއްޔެވެސް އެޤައުމުގެ ކަނޑުގެ ސަރަޙައްދަށް ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައި ވެއެވެ. މީގެ އިތުރުން ރެކްޓަރ މިންގަނޑުން 4.7 އާއި 4.8 ގެ ބާރުމިނުގައި އެޤައުމަށް އިއްޔެ އިތުރު ލޮޅުންތަކެއްވެސް އައިސްފައި ވެއެވެ.

އިންޑޮނީޝިއާއަކީ ގިނަ އަދަދަކަށް ބިންހެލުން އަންނަ ޤައުމެކެވެ. އެޤައުމަކީ ފަހުގެ ތާރީޚެއްގައި ވެސް އެންމެ ބާރުގަދަ އެއް ބިންހެލުން އައިސްފައިވާ ޤައުމެވެ. އެގޮތުން 2004 ވަނަ އަހަރު އެޤައުމުގެ ސުމްޓަރާއަށް ރެކްޓަރ މިންގަނޑުން 9.0 ގެ ބާރުމިނުގައި އައި ބިންހެލުމަކަށްފަހު އުފެދުނު ގެއްލުންބޮޑު ސުނާމިއެއްގައި އޭޝިއާގެ ބޮޑު ސަރަޙައްދަކަށް އަރައިނުގަނެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައި ވެއެވެ.