ޝޭމްޕޫ އިސްތިހާރެއްގެ ސަބަބުން ދެކުނު އެފްރިކާގައި ވަރުގަދަ މުޒާހަރާއެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ދެކުނު އެފްރިކާގެ ގިނަ އަދަދެއްގެ އާއްމުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ "ޓްރެސެމް" ނަމަކަށް ކިޔާ ކުންފުންޏަކުން ބާޒާރަށް ނެރުނު ޝޭމްޕޫއެއް އިސްތިހާރު ކުރުމަށް ކަޅު އަންހެނަކާއި ދޮން އަންހެނަކު ބައިވެރިކޮށް، ޝޭމްޕޫ ބޭނުން ކޮށްފިނަމަ މީހުން ދޮންވެ، އިސްތަށިގަނޑު ރީތިވާ ކަމަށް ބުނުމުންނެވެ. މި ޝޭމްޕޫ ބާޒާރަށް ނެރެފައި ވަނީ "ކްލިކްސް ފާމަސީ" ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އިސްތިހާރު ފެންނަ ގޮތުގައި ކަޅު ނަސްލުގެ އަންހެން މީހާގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ. ނަމަވެސް ޝޭމްޕޫ ލުމާއި އެކު އޭނާގެ ސިފަ ދޮން ނަސްލުގެ އަންހެނަކަށް ބަދަލުވެ، އިސްތަށިގަނޑު ވެސް ރީތިވެގެންދާ މަންޒަރު އިސްތިހާރުން ފެނެއެވެ.

މިއިސްތިހާރާއި ދެކޮޅަށް މުޒާހަރާ ފެށީ އިދިކޮޅު އިކޮނަމިކް ފްރީޑޮމް ފައިޓާސް އިންނެވެ. މުޒާހަރާގެ ބައިވެރިން ގެންދަނީ ޝޭމްޕޫ ބާޒާރަށް ނެރުނު ކުންފުނީގެ ފިހާރަތައް ބޭރުގައި މުޒާހަރާ ކުރަމުންނެވެ. އަދި ސޭމްޕޫ އުފެއްދި ކުންފުނި ދެކުނު އެފްރިކާ ދޫކޮށް ދިއުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

ދެކުނު އެފްރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ޝޭމްޕޫ ބާޒާރަށް ނެރުނު ކުންފުނީގެ އެއް ފިހާރައިގައި ހުޅު ވެސް ޖަހާފައެވެ. އެފިހާރައިގައި ހުޅު ޖަހާފައި ވަނީ ޕެޓްރޯލް ބޮމެއް ފިހާރަތެރެއަށް އެއްލައިގެންނެވެ.

ކްލިކްސް ފާމަސީން ވެސް ވަނީ އެކުންފުނިން ޝޭމްޕޫ އިސްތިހާރު ކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫންކަމަށް ގަބޫލުކޮށް މާފަށް އެދިފައެވެ. ނަމަވެސް އަދިވެސް މުޒާހަރާގެ ބައިވެރިން ގެންދަނީ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ.

ކްލިކްސް ފާމަސީގެ 500 އަށް ވުރެ ގިނަ ފިހާރަ ދެކުނު އެފްރިކާގެ އެކި ސަރަހައްދުތަކުގައި ހުރެއެވެ.