ފުޓުބޯޅަ ދަނޑެއްވަރުވާ ބިޔަ ގިނިހިލައެއް ދުނިޔެއާއި ވަރަށް ގާތުން ދަތުރުކޮށްފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

2010 ވަނަ އަހަރު، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ތެރެއިން ސައިންސްވެރިން ހޯދާފައިވާ މި ގިނިހިލަ ދުނިޔެ ފަސްކޮށް ދިޔައީ ރޭގެ ވަގުތެއްގައި، ދުނިޔެ އާއި ހަނދާއި ދެމެދުންނެވެ. މި ބިޔަ ގިނިހިލަ ދަތުރުކޮށްފައިވަނީ ދުނިޔެ އާއި ހަނދާއި ހުންނަ ދުރުމިނުގެ ދެބައިކުޅަ އެއްބައި ކައިރިން ކަމަށް ވެއެވެ.

"2010 ޑަބްލިއުސީ 9" ގެ ނަމުން ނަންދީފައިވާ މި ހިނގިހިލައަކީ، ފާއިތުވެދިޔަ 300 އަހަރުވެސް ދުނިޔެއާއި މިހައި ކައިރިން ބޮޑު ގިނިހިލައެއް ދަތުރުކުރި ހަމައެކަނި ފަހަރު ކަމަށް ސައިންސްވެރިން ބުނެއެވެ. މި ގިނިހިލައިގެ ސަބަބުން ދުނިޔެއަށް އޭގެ އެއްވެސް އަސަރެއް ކޮށްފައި ނުވާއިރު، ދުނިޔެއާއި ފުށުއެރިނަމަ، އަރައި ނުގަނެވޭވަރު ގެއްލުން ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ރޭގެ ވަގުތެއްގައި "2010 ޑަބްލިއުސީ 9" ދުނިޔެ ހުރަސްކޮށް ދިޔައިރު، އެ ގިނިހިލަ ދިޔައީ ދުނިޔާއި 126،000 މޭލު ދުރުންނެވެ.

"2010 ޑަބްލިއުސީ 9" އަކީ ދުނިޔެއާއި އާދަޔާއި ޚިލާފަށް ކައިރިން ދަތުރުކުރާނެ ކަމަށް ބެލެވުނު 10،000 ގިނިހިލައިގެ ތެރޭގައި ހިމެނޭ ގިނިހިލައެކެވެ. މި ގިނިހިލަ މީގެ ކުރިންވެސް ދުނިޔެ ދައުރުވާ ސަރަޙައްދު ހުރަސްކޮށް ގޮސްފައިވާއިރު، އޭގެ އެއްމަސް ފަހުން ސައިންސްވެރިންގެ ރާޑަތުތަކަށް ގިނިހިލަ ގެއްލުނެވެ. އެއަށްފަހު އެ ގިނިހިލަ ފެނުނީ މިދިޔަ ހަފްތާގައި ކަމަށާއި، މި ފަހަރުގެ ދައުރުވުމުގައި ގިނިހިލަ ދުނިޔެއާއި އާދަޔާއި ޚިލާފަށް ގާތުން ދަތުރުކުރާނެކަން އެނގުނު ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

ސައިންސްވެރިން ބުނެފައިވަނީ، ގަޑިއަކު 30،000 މޭލުގެ ބާރުމިނުގައި ދަތުރުކުރަމުންދާ "2010 ޑަބްލިއުސީ 9"ވެސް ދައުރުވަނީ ދުނިޔެ ފަދައިން މި ސޫރުދަ ނިޒާމުގެ ތަރި ވަށައިގެން ކަމަށެވެ. މިއީ "2010 ޑަބްލިއުސީ 9" ދުނިޔެއާއި އެންމެ ގާތުން ދަތުރުކުރި ފަހަރު ކަމުގައިވާއިރު، ކުރިއަށް އޮތްތަނުގައި ގިނިހިލަ ދުނިޔޭގައި ފުށުއެރުމުގެ ފުރުސަތު ކުޑަވެގެން ގޮސްފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

2013 ވަނަ އަހަރު ދުނިޔޭގައި ގިނިހިލައަކުން ޖެހުނެވެ. އެ ގިނިހިލަ ވެއްޓިފައިވަނީ ރަޝިޔާގެ ހުޅަނގުން މެދުތެރޭގައި އޮންނަ ސިޓީއެއްކަމަށްވާ ޗެލިޔަބިންކްސް އަށެވެ. އަލިފާނާއި އެކު ބާރު ދުވެލީގައި އެ ސަރަޙައްދަށް މިސްރާބުޖެހި ގިނިހިލަ ވަނީ ބިމާއި 25 ކިލޯމީޓަރު މަތިން ގޮވާފައެވެ. އެހެން ނަމަވެސް އެ ގޮވުމުގެ ބާރުގަދަ ކަމުންނާއި، އެއިން ބުރައިގެން ދިޔަ ހިލަކޮޅުތަކުން ޖެހި ބައެއް ގެތަކަށް ގެއްލުން ލިބި ބައެއް މީހުނަށް ވަނީ އަނިޔާވެސް ވެފައެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ކުރިންވެސް ބައެއް ތަޖުރިބާކާރުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިހާރުވެސް މިސްރާބު ޖަހާފައި ވެދާނެކަމަށާއި، އެހެނަސް އެ ގިނިހިލަ ފެންނާނީ ދެން އިތުރަށް އެކަމުން ސަލާމަތްވާން ފިޔަވަޅެއް އެޅޭވަރަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ބުނެއެވެ. އާދަޔާއި ޚިލާފަށް ބާރަށް ދަތުރުކުރާ ގިނިހިލަތަކުން ދުނިޔެ ސަލާމަތްކުރުމަށް ޚާއްސަ އާލާތެއް ތައްޔާރު ކުރުމުގެ މަސައްކަތް ސައިންސްވެރިން މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮޓްޑޯގު

    ހުރިހާރާޑަރުތަކެއްތިބީ މިސައިލުތަކާއަމާޒުވެފަ. ހުރިހާ މިސައިލުތަކެއްތިބީ ދުޝްމަނުންނާ އަމާޒުކޮށްފަ . ހުރިހާ ސިޔާސީލީޑަރުންނާއި ފަނޑިޔާރުންތިބީ ހުރަގެތަކުގަ ހިލިހިލާޖެހިފަ . ހުރިހާ ގާނޫނުތައްނުބައިކޮށް މާނަކުރުމުގާ ޖާނުންވަރުގަދަކޮށްތިބި މީހުންތިބީއަވަދިނެތިފަ .. ދެންކިހިނެއްތޯ ގިނިހިލައެއް ބޯމައްޗަށްވެއްޓިދާނެކަމަށް ފިކުރުވެސް ކޮށްލެވޭނީ .. ؟؟