ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އާޖެންޓީނާ އިން ފައްސިވި މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ. މި އަދަދު ހަތަރު ލައްކައިން ބައިމިލިއަނަށް އަރާފައި މިވަނީ ހަފްތާއެއްހައި ދުވަސް ތެރޭގައެވެ.

އާޖެންޓީނާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ބައި މިލިއަނަށް އެރީ އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކަށް އެޤައުމުން އަލަށް ކޮވިޑް-19 ޖެހުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އަށް ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް އާޖެންޓީނާއިން އިތުރު 12,027 މީހަކު ފައްސިވެފައި ވެއެވެ. މިއީ އެޤައުމުން މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ. މިއާއެކު އާޖެންޓިނާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 500,034 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އާޖެންޓީނާއަށް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އިތުރު 276 މީހަކު ހިމެނޭހެން އެޤައުމުން މިހާތަނަށް ޖުމްލަ 10,405 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ.

ދުނިޔެއިން ދިހަ ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އާޖެންޓީނާއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 366,590 މީހުންނެވެ. އަދި މިހާރު އެޤައުމުން މި ބައްޔަށް ފަރުވާދެމުންދާ 123,039 މީހުންގެ ތެރެއިން 2,719 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

އާޖެންޓީނާއަކީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމުގެ ނުރައްކާ އެބައޮތެވެ.

45 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އާޖެންޓީނާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ ތިން ވަނަ ދުވަހުއެވެ. އެޤައުމުން ބަލި ފެނުނު ފަހުން ބަލި ފެތުރޭ މިންވަރަށް އެއްވެސް ހިފެހެއްޓުމެއް ނައިސް، ހާލަތު އަންނަނީ އިތުރު ވަމުންނެވެ.