އެމެރިކާގެ ޖަލެއްގައި މިހާރު ޙުކުމް ތަންފީޒު ކުރަމުން ގެންދާ މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިވެރިޔާ ޖޮކްއިން އެލްޗަޕޯ ގުޒްމަން މީގެ ކުރިން އެނާގެ ހަޔާތާއި ގުޅޭ ގޮތުން ކިޔައި ނުދޭ ވާހަކަތަކެއް ހާމަކޮށް ފޮތެއް ނެރެފިއެވެ.

މެކްސިކޯގެ ކްރިމިނޮލޮޖިސްޓެއް ކަމަށްވާ މޮނިކާ ރަމިރޭޒް އަށް އެލްޗަޕޯ ޖަލުގައި އޮވެ ކިޔައިދިން ވާހަކަތަކަށް ބިނާކޮށް ނެރުނު ފޮތުގައި އެލްޗަޕޯ ބުނެފައި ވަނީ އޭނާ އެޑިކްޓްވީ ހަމައެކަނި މަސްތުވާތަކެއްޗަށް ނޫން ކަމަށާއި އޭނާ އަކީ އަންހެނުންނަށް ވެސް އެޑިކްޓްވި މީހެއް ކަމަށެވެ.

"އަހަރެން ގަބޫލު ކުރަން އަހަރެންނަކީ ވަރަށް ގިނަ ކަންކަމަށް އެޑިކްޓްވި މީހެއް. އަހަރެން އެޑިކްޓްވީ ހަމައެކަނި މަސްތުވާތަކެއްޗަށް ނޫން. އަދި ކުށްކުރުމާއި ބޮޑެތި ކުށްތަކަށް އަރައިގަތުމަށް އެކަންޏެއް ވެސް ނޫން. އަހަރެން އެޑިކްޓްވި އަންހެނުންނަށް ވެސް. އަހަރެން ހަތަރު ކައިވެންޏެއް ކުރިން. އޭގެ އިތުރުން އެތައް އަންހެނުންނަކާއި ގުޅުން ހިންގިން." އެލްޗަޕޯ ބުންޏެވެ.

ސިނަލޯއާ ކާލެޓްގެ އެއް ފައުންޑާ ކަމަށްވާ އެލްޗަޕޯ ބުނީ އޭނާ އަށް 23 ދަރިން ލިބިފައިވާ ކަމަށެވެ.

އެލްޗަޕޯ އާއި މޮނިކާ ކުރި އިންޓަވިއުގެ ފަސް ސިކުންތުގެ ވީޑިއޯ ވަނީ 2016 ވަނަ އާއްމު ކޮށްފައެވެ. ނަމަވެސް މުޅި އިންޓަވިއު އަދި މިހާތަނަށް އާއްމު ކޮށްފައެއް ނުވެއެވެ.

މިހާރު އުމުރުން 63 އަހަރުގެ އެލްޗަޕޯ ފުރަތަމަ ކައިވެންޏެއް ކުރީ 1977 ވަނަ އަހަރުއެވެ. މާރިއާ ސަލަޒާ ކިޔާ އަންހެނަކާއި ކައިވެނިކޮށް އެކައިވެނިން ހަތަރު ކުދިން ލިބުނެވެ. ދެވަނަ ކައިވެނި އޭނާ ކުރީ ލޮޕޭޒް ކިޔާ އަންހެނަކާއި އެވެ. އެކައިވެނިން އެއްވެސް ދަރިއަކު ނުލިބެއެވެ.

ތިންވަނަ ކައިވެނި ކުރީ 1980ގެ އަހަރުތަކުގެ ފަހުކޮޅުއެވެ. އެކައިވެނިން ވެސް ހަތަރު ކުދިން ލިބުނެވެ.

ހަތަރު ވަނަ އަށް އެލްޗަޕޯ ކައިވެނި ކުރީ ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ އެމާ ކޮރޮނެލް އާއިއެވެ. 2007 ވަނަ އަހަރު ކުރި އެކައިވެނިން ދެމަފިރިންނަށް 2011 ވަނަ އަހަރު ވަނީ އެއްމާބަނޑު ދެކުދިން ލިބިފައެވެ.

އޭގެ އިތުރަށް އެލްޗަޕޯ އަށް ލިބުނު ދަރިންނަކީ ކައިވެނީގެ ބޭރުން އެކި އަންހެނުންނާއި ގުޅުން ބާއްވައިގެން ލިބުނު ދަރިންނެވެ.

އެލްޗަޕޯ ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން 12 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ހޯދާފައި ކަމަށް ޕްރޮސެކިއުޓަރުން ލަފާކުރެއެވެ.

އޭނާ ޖަލަށް ލާން ކޮށްފައިވާ ޙުކުމް މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ނުލަވަނެ

  12 ބިލިޔަން ޑޮލަރު .... އައްމަތަ ސިރި

 2. ރަމްޒު

  މަޝްހޫރު އެލްޗަޕޯ
  އަދުގައި ކޮބާ އުފަލެއް؟ އުމުރުގެ ފަހުބައި ހޭދަކުރަން ޖެހިފައިވަނި ގޮޅިއެއްގެ ވެރިކަމުގައި ގިނަ މަސައްކަތާ ބިރުވެރިކަމުގައި އުމުރުގެ ބޮޑުބައި ހޭދަކުރީ ކުޑަނަމަވެސް އުފަލެއް ލިބޭނެކަމުގައި ނަމަވެސް ....
  ވިސްނާބަޔަކަށް އިބުރަތެއް! މިޔަށް ވުރެ މާފަސޭހައިން މިދުނިޔޭގައި އުހުރަވީ ހަޔާތް ފާގަތި ކުރުމުގެ ކުޅަދާނަކަން އިންސާނުން ނަށް މާތް ﷲ ދެއްވިއެވެ. ވަގުތުގެ ބޭނުން ހެޔެގޮތުގައި ވަގުތު ފާއިތުނުަވަނީސް ތައުބާވެ ރަންގަޅުގޮތް އިޚްތިޔާރު ކުރި ބަޔަކަށެވެ. ހެޔޮވިސްނުން ދެއްވާށިއެވެ. އާމީން

  2
  2