ޕެސިފިކް ކަނޑުގެ އައްސޭރިން، ދެކުނު އެމެރިކާ ސަރަޙައްދުގެ ޤައުމެއް ކަމަށްވާ ޗިލީގެ އަޓަކަމާ ސަހަރާއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ އެޤައުމުގެ ގަޑިން މިއަދު 4:49 ހާއިރު، ރެކްޓަރ މިންގަނޑުން 4.0 ގެ ބާރުމިނުގައެވެ.

ބިމުގެ ވިހި ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ އަސަރު ބައެއް ސަރަޙައްދުތަކަށް ކުރެވިފައިވާއިރު، ބިންހެލުން ސީދާ އައީ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ނޫނެވެ. އެހެންކަމުން މި ބިންހެލުމުގައި އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދު ބިންހެލުން އައި ޗިލީގެ އަޓަކަމާ ސަރަހާއަކީ، އެޤައުމަށް މިހާތަނަށް އައި އެންމެ ބާރުގަދަ ދެ ބިންހެލުން އައި އެއް ސަރަޙައްދެއެވެ. 1900 ގެ އަހަރުތަކުގައި އައި އެ ބިންހެލުންތަކުގެ ބާރުމިން 7.0 އަށްވުރެ މަތިވާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.

މި މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެން ޗިލީގެ އެކި ސަރަޙައްދުތަކަށް ވަނީ ރެކްޓަރ މިންގަނޑުން 4.0 އަށްވުރެ ބާރުގަދަ ހަ ބިންހެލުމެއް އައިފައިކަން ފާހަނގަކޮށްލެވެއެވެ.