ތުރުކީގެ ވެރިކަންކުރާ އަންކާރާއަށް ވަރުގަދަ ވެލީގެ ތޫފާނެއް އަރައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އެރި މި ތޫފާނުގައި އަންކާރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އާދަޔާއި ޚިލާފަށް ވައިގަދަވެ ހިނގި ހާދިސާތަކުގައި ހަ މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން އަންނަ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ވެލީގެ މި ތޫފާން އަންކާރާއަށް އެރިވަގުތު ތޫފާނާއެކު، އާދަޔާއި ޚިލާފަށް ވައިގަދަވެ ބޯކޮށް ވާރޭވެސް ވެހެމުން ދިޔައެވެ. އަދި ވައިބާރުވެ ގިނަ އަދަދެއްގެ އިމާރާތްތަކާއި އާންމު ތަންތަނާއި ތަކެއްޗަށް ގެއްލުން ލިބިފައި ވެއެވެ.

ތޫފާން އެރި ވަގުތު ނަގާފައިވާ ވީޑިއޯއެއް ތުރުކީގެ މޫސުމާއި ބެހޭ އިދާރާގެ ޖެނެރަލް ޑިރެކްޓޮރޭޓްގެ ޓްވީޓާއިން އާންމުކޮށްފައި ވާއިރު، ތޫފާން އަރަމުން އައި ވަގުތު ހިރަފުހާއި ވެލީގެ ބިޔަ ކޮޅިގަނޑެއް، އާދަޔާއި ޚިލާފަށް ދައުރުވަމުންދިޔަ ބިރުވެރި މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް އަންކާރާއަށް އެރި މިފަދަ އެންމެ ވަރުގަދަ އެއް ވެލީގެ ތޫފާނެވެ.

މި ތޫފާން އަރާފައި މިވަނީ ތުރުކީއަށް ފާއިތުވެދިޔަ ދުވަސްތަކުގައި މޫސުން ގޯސްވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެޤައުމުގެ މޫސުމާއި ބެހޭ އިދާރާތަކުން ވަނީ، ކުރިޔަށް އޮތްތަނުގައި ވެސް ބައެއް ހިސާބުތަކަށް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށްފައެވެ.

އިއްޔެ އަންކާރާއަށް އެރި ވެލީގެ ތޫފާނާއި ގުޅިގެން އެ ސިޓީއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އަނިޔާވި މީހުންނާއި ބެހޭ މާގިނަ މަޢުލޫމާތެއް އިދާރާތަކުން މިހާތަނަށް ހާމައެއް ނުކުރެއެވެ.