ފަލަސްތީނުގެ ޣައްޒާއިން އިސްރާއިލް އަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

ޣައްޒާއިން އިސްރާއިލްއަށް ރޮކެޓް ހަމަލާތަކެއް އަމާޒުކޮށްފައި ވަނީ، ޔޫއޭއީ އާއި ބަހްރެއިން އިން އިސްރާއިލް އާއި އެކު ހާރިޖީ ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިރޭ އެމެރިކާގައި ބޭއްވުމަށް ހަމަޖެހުނު ވަގުތުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އިސްރާއިލްގެ އަސްކަރިއްޔާ އިން ވަނީ ރަސްމިއްޔާތުގެ ގަޑިއާއި ދިމާކޮށް ޣައްޒާއިން އިސްރާއިލް އަށް ދެ ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

ނޫސްތައް ބުނާގޮތުން ޣައްޒާއިން މިރޭ ރޮކެޓް ހަމަލާތައް ދީފައިވަނީ އިސްރާއިލްގެ އަޝްދޯދް ނަމަކަށްކިޔާ ސަރަޙައްދަކަށެވެ. މި ހަމަލާ ދީފައިވަނީ އަރަބި ދެޤައުމަކުން އިސްރާއިލް އާއި ގުޅުން ޤާއިމްކުރާތީ އިސްރާއިލްގެ ޔަހޫދީންގެ ގިނަ ބަޔަކު އުފާ ފާޅުކުރުމަށް މަގުތަކަށް ނިކުމެ އުޅުނު ދަނޑިވަޅެއްގައެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، މިރޭގެ ހަމަލާތަކުގައި މިހާތަނަށް އިސްރާއިލް އިން ދެ މީހަކު މަރުވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 28 އަހަރުގެ ޒުވާނަކާއި 62 އަހަރުގެ މީހެއް ކަމަށް ނޫސްތައް ބުނެއެވެ.

މި ހަމަލާ ދިން ވަގުތު "ޝޮކެއް" ލިބި އަންހެނަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށްވެސް އިސްރާއިލްގެ ބައެއް ނޫސްތަކުގައި ބުނެފައި ވެއެވެ.

ޣައްޒާއިން މިރޭ އިސްރާއިލްއަށް ރޮކެޓް ހަމަލާތަކެއް އަމާޒުކޮށްފައި މިވަނީ މިދިޔަ ހަފްތާގައި ކޮންމެ ރެޔަކު ދަންވަރުގެ ވަގުތުގައި އިސްރާއިލްގެ ހަނގުރާމަމަތީ ޖެޓުތައް ބޭނުންކޮށްގެން ޣައްޒާއަށް ބޮން އަޅައި ގިނަ ބަޔަކު ޝަހީދުކޮށްލާފައި ވަނިކޮށެވެ.

މިރޭ އިސްރާއިލްއަށް ހަމަލާ ދިނުމުގެ ކުރިން ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ބުނެފައިވަނީ އިސްރާއިލް އިން އަރަބި ޤައުމުތަކާއި ގުޅުން ޤާއިމްކުރުމަށް މަސައްކަތް ކުރަމުން ދަނީ ޔަހޫދީންގެ މަކަރުވެރި ރޭވުންތައް އިތުރުކުރަން ފަސޭހައަކަށް ކަމަށެވެ. އަދި ޤައުމުތަކާއި ގުޅުން ޤާއިމްކުރިޔަށް އިސްރާއިލްއިން ފޭރިގެންފައިވާ ފަލަސްތީނު މުސްލިމުންގެ ހައްޤުތައް ދޫކޮށްލުމުން މެނުވީ މެދުއިރުމައްޗަށް ހަމަޖެހުން ލިބިގެން ނުދާނެ ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ.