އަންހެނުންނަށް ޖިންސީ ގޯނާކޮށް ރޭޕް ކުރާ މީހުންގެ ޖިންސީ ގުނަވަން ބުރިކޮށްލަން ޖެހޭ ކަމަށް ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު އިމްރާން ޚާން މިހެން ވިދާޅުވީ އަންހެނަކު އޭނާގެ ދެދަރިންނާއި އެކު ލާހޯރުގެ ހައިވޭއަކުން ދަތުރު ކުރަމުން ދަނިކޮށް ޕެޓްރޯލް ހުސްވެގެން އޭނާ ވެހިކަލް ހުއްޓިފައި ވަނިކޮށް ދެމީހަކު އައިސް އަންހެން މީހާ ރޭޕްކޮށް، އޭނާގެ ތަކެތި ފޭރިގަތް މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެހާދިސާ އާއި ގުޅޭ ގޮތުން ލާހޯރުގެ ފުލުހުންގެ ވެރިޔާ އުމަރު ޝެއިހް ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާގެ އިސްތިއުފާއަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އުމަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އަނިޔާ ލިބުނު އަންހެން މީހާ އޭނާގެ ދަތުރަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައި ނުވާ ކަމަށެވެ. އަންހެން މީހާ ދަތުރަށް ފެށުމުގެ ކުރިން އޭނާގެ ވެހިކަލްގައި އެކަށީގެންވާ ވަރަށް ތެޔޮ ހުރިތޯ ބަލަން ޖެހޭ ކަމަށާއި އަދި ރައްކާތެރިކަމަށް ވިސްނައިގެން ގިނަ މީހުން ދަތުރުކުރާ މަގަކުން އޭނާ ދަތުރުކުރި ނަމަ މިފަދަ ކަމެއް ކުރިމަތި ނުވީސް ކަމަށް ވެސް އުމަރު ވިދާޅުވެފައި ވެއެވެ.

އުމަރުގެ އެވާހަކަތަކާއި ގުޅިގެން އޭނާ އާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އުމަރު މިހާރު ވަނީ އޭނާ ދެއްކި ވާހަކަތަކާއި ގުޅިގެން މައާފަށް އެދިފައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ ރޭޕް ކުރާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން އާއްމުންގެ ކުރިމަތީގައި ދަންޖައްސަން ޖެހޭ ކަމަށާއި ނުވަތަ ކެމިކަލް ޖަހައި އެމީހުން ފިއްސާލަން ޖެހޭ ކަމަށާއި ނުވަތަ އެމީހުންގެ ޖިންސީ ގުނަވަން ބުރިކޮށްލަން ޖެހޭ ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ ރޭޕްގެ މައްސަލަތަކުގައި ކުށް ސާބިތު ކުރުމަށް ހުށަހަޅަން ޖެހޭ ހެކިތައް ހޯދުން އެއީ ވަރަށް ދަތި ކަމަކަށް ވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ސާބިތު ކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން ކެބިނެޓްގައި މަޝްވަރާކޮށް ވަރަށް އަވަހަށް އިސްލާހީ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

ޕާކިސްތާންގެ އާއްމު ރައްޔިތުން ވެސް ގެންދަނީ ރޭޕްގެ މައްސަލަތަކުގައި މިހާރު އަމަލު ކުރަމުން ގެންދާ ޤާނޫނުތައް އިސްލާހް ކުރުމަށް ޕާކިސްތާން ސަރުކާރަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ހެޓްސް އޮފް ޓް ޔޫ. ތީ ވެރިންނަކީ.. މިތާ ތިބީ ގެރިން

    43
  2. އިންމަ

    ގެރި އިންޑިޔާ އޮތީ ފެއިލް ވެފަ ހުރިހާ ކަމަކުން. ކޮވިޑް ވިޔަސް ރޭޕް ވިޔަސް މިހެން ކިޔާނެ ކަމެއް ނެތް. ޕާކިސްތާން މާ ހޭލުންތެރި..

    25