އެމެރިކާގެ ސިއްރު އެތައް ލައްކަ ލިޔެކިޔުމެއް ލީކްކޮށްލި ޖޫލިއާ އަސާންޖް އެމެރިކާ އަށް ގެންގޮސް ޝަރީޢަތް ހިންގުން ހުއްޓުވޭނެ މަގެއް ހޯދައިދޭނެ ކަމަށް ވައުދުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ޑީލެއް ލިބިފައިވާ ކަމަށް އަސާންޖްގެ ވަކީލު ކޯޓުގައި ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން ނެރުނު ކަފާލާތުގެ އަމުރަކާއި ހިލާފުވި މައްސަލައިގައި މިހާރު ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ އަސާންޖް އެމެރިކާ އަށް ފޮނުވުމާއި ގުޅޭ ގޮތުން ހިންގާ ޝަރީޢަތުގައި އަސާންޖްގެ ވަކީލް ޖެނިފާ ރޮބިންސަން މިއަދު ބުނީ ޑިމޮކްރަޓިކް ޕާޓީގެ އީމެއިލްތައް ވިކިލީކްސް އަށް ފޯރުކޮށްދިން ފަރާތް ހާމަކޮށްފިނަމަ އަސާންޖް އެމެރިކާ އަށް ގެންގޮސް ޝަރީޢަތް ކުރިއަށް ނުގެންދާނެކަން ޓްރަމްޕްގެ ފަރާތުން އަސާންޖަށް އަންގާފައިވާ ކަމަށެވެ.

"ޓްރަމްޕްގެ ފަރާތުން ހުށަހެޅި ޑީލަކީ ދެފަރާތައް ވެސް ކާމިޔާބު ލިބޭނެ ޑީލެއް ކަމަށް ޓްރަމްޕްގެ ފަރާތުން ބުނެފައިވޭ. ނަމަވެސް އެއީ އަސާންޖް ހާމަކުރަން ބޭނުންވާ މައުލޫމާތެއް ނޫން. ޓްރަމްޕް އެދުނު މައުލޫމާތު އަދިވެސް ސިއްރެއްގެ ގޮތުގައި ބާއްވަން އަސާންޖް ބޭނުންވޭ." ޖެނިފާ ބުންޏެވެ.

ޖެނިފާ ބުނީ ޓްރަމްޕް ބޭނުން ވަނީ ޑިމޮކްރަޓިކް ޕާޓީގެ އީމެއިލްތައް ލީކް ކުރުމުގައި ރަޝިއާގެ ބައިވެރިވުމެއް ނެތްކަން ސާބިތު ކުރާށެވެ.

ޓްރަމްޕްގެ ފަރާތުން އަސާންޖަށް ޑީލެއް ހުށަހެޅީ 2017 ވަނަ އަހަރު އަސާންޖް ލަންޑަންގެ އިކްއެޑޯ އެމްބަސީގައި ހުރިއިރު އެމެރިކާގެ ކޮންގްރެސް މެންބަރަކާއި ޓްރަމްޕްގެ އަރިސް މުވައްޒަފަކު މެދުވެރިކޮށެވެ. ނަމަވެސް މިޑީލްގެ މައުލޫމާތު އަސާންޖްގެ ވަކީލުން ހާމަމިކުރީ މިއަދުއެވެ.

އަސާންޖްގެ މައްޗަށް އެމެރިކާ އިން ވަނީ 18 ދައުވާއެއް އުފުލާފައެވެ. އެދައުވާތަކުގެ ޝަރީޢަތް އެމެރިކާގައި ނުވަތަ އެމެރިކާގެ ބާރު ހިނގާ ޓެރިޓަރީއެއްގައި ހިންގަން އެމެރިކާ އިން ބޭނުން ވެއެވެ. ނަމަވެސް އަސާންޖް އާއި އޭނާގެ ވަކީލުން ބުނާ ގޮތުގައި އަސާންޖް އެމެރިކާ ސަރުކާރާއި ހަވާލުކޮށްފިނަމަ އޭނާއަށް މަރުގެ އަދަބު ދިނުން ވެސް އެކަށީގެންވެއެވެ.