ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު ގިވި ހާދިސާގައި ގާތްގަނޑަކަށް އަށް ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކޮށް ބުނެފައިވަނީ ގޮވުމުގައި ބެއިރޫތުގެ އިމާރަތްތަކާއި ތަކެއްޗަށް ގާތްގަނޑަކަށް 3.8 ބިލިއަން އާއި 4.6 ބިލިއަން ޑޮލަރާއި ދެމެދުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ ސަބަބުން 2.9 ބިލިއަން އާއި 3.5 ބިލިއަން ޑޮލަރުގެ ގެއްލުން އިޤްތިސާދީގޮތުން އެ ސިޓީއަށް ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައި ވެއެވެ.

ބެއިރޫތު ގޮވުމުގެ ނުރައްކާތެރި ހާދިސާ އާއި ގުޅިގެން އެ ސިޓީއަށް ވަގުތުން ވަގުތަށްވެސް 605 މިލިއަން އާއި 760 މިލިއަން ޑޮލަރާއި ދެމެދުގެ މާލީ އެހީ ބޭނުންވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައި ވެއެވެ. އެ ބޭންކުން މިގޮތަށް ބުނެފައި ވަނީ ޔޫއެން އާއި އީޔޫއާއި ގުޅިގެން ބެއިރޫތުގައި ކުރިޔަށް ގެންދިޔަ އެސެސްމެންޓަކަށްފަހު އެއްކުރި މަޢުލޫމަތުތަކުގެ އަލީގައެވެ.

ވޯލްޑް ބޭންކުން އިތުރަށް ބުނެފައިވާ ގޮތުން މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެ ސިޓީގައި އާންމުން ދިރިއުޅޭ ގެދޮރާއި ދަތުރުފަތުރުގެ ނިޒާމާއި އާސާރީ ތަކެއްޗާއި ތަންތަނަށް ކަމަށެވެ. ހަމައެހެންމެ އާންމު ޚިދުމަތްފޯރުކޯށްދޭ ގިނަ ތަންތަނަށްވެސް މި ހާދިސާގައި އަރައިނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބިފައިވާކަން ވޯލްޑް ބޭންކުގެ އެސެސްމެންޓުން ފާހަގަކުރެވިފައި ވެއެވެ.

އެ ބޭންކުން ބުނެފައި ވަނީ ބެއިރޫތު ގޮވުމާއި ގުޅިގެން ލުބުނާނަށް ލިބިގެންދިޔަ ގެއްލުންތަކުން އަރައިގަތުމަށް އެޤައުމަށް އަހަރުތަކެއް ހޭދަވާނެ ކަމަށެވެ. މިގޮތުން އަންނަ އަހަރުވެސް އެޤައުމަށް 1.18 ބިލިއަން ޑޮލަރާއި 1.46 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވާނެ ކަމަށް އަންދާޒާކުރެވިފައި ވެއެވެ.

ބެއިރޫތުގައި ގޮވި ހާދިސާގައި އެ ސިޓީން 150 އަށްވުރެ ގިނަ މީހަކު މަރުވެ އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ. އަދި މި ހާދިސާގައި ފަސްހާހަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.

ބެއިރޫތުގެ ވިޔަފާރި ބަނދަރެއްގައި ހިނގި މި ގޮވުމުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާގެ ނުރައްކާ ބޮޑުވީ، ގޮވި ސަރަޙައްދުގައި ގިނަ އަދަދަކަށް ގޮވާތަކެތި ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވުމުންނެވެ. މި ގޮވުމުގައި ބެއިރޫތުގެ ބޮޑު ސަރަޙައްދެއް ވަނީ ބިމާއި ހަމަވެފައެވެ.