ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާ އަށް ދިން މިސައިލް ހަމަލާއެއްގައި ސައުދީ އަރަބިއްޔާގެ ފަސް މީހަކު ޒަހަމް ވެއްޖެއެވެ.

"އަލް އަރަބިއްޔާ" ނޫސް އެޖެންސީން ބުނާ ގޮތުގައި މިސައިލް ހަމަލާ އަމާޒުވެފައި ވަނީ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ސައުދީ އަރަބިއްޔާގެ ޖަޒަން ރީޖަންގެ އަވަށަކަށެވެ.

ސިވިލް ޑިފެންސް ޑައިރެކްޓަރޭޓްގެ ތަރުޖަމާން ކާނަލް މުހައްމަދު ބިން ޔަހްޔާ އަލް-ހަމްދީ ވިދާޅުވީ ހޫތީން ފޮނުވާލި މިސައިލެއް ވެއްޓިފައި ވަނީ ޖަޒަން ރީޖަންގެ އަވަށެއް ކަމަށްވާ އަލް-ހާތު އަވަށަށް ކަމަށެވެ. މިސައިލް ހަމަލާގެ ސަބަބުން ތިން ވެހިކަލަކަށް ގެއްލުން ލިބި ފަސް މީހަކަށް އަނިޔާވިކަމަށް ވެސް ކާނަލް މުހައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޒަހަމްވި ފަސް މީހުންނަށް ވެސް ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެއް ކަމަށާއި އެމީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި ހޫތީން ސައުދީ އަރަބިއްޔާ އަށް ދެމުންދާ މިސައިލް ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އެފަދަ ގިނަ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައި އޮންނަ އަރަބި ކޯލިޝަނުން ގެންދަނީ ވައްޓާލަމުންނެވެ. ނަމަވެސް ބައެއް ހަމަލާތައް ސައުދީ އަރަބިއްޔާގެ މުހިއްމު ސަރަހައްދުތަކަށް ވަނީ އަމާޒުވެފައެވެ. މިދިޔަ ޖޫން މަހު ހޫތީން ފޮނުވާލި މިސައިލް ހަމަލާއެއް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ވެސް އަމާޒުވިއެވެ.

ސައުދީ އަރަބިއްޔާ އިން ތުހުމަތު ކުރާ ގޮތުގައި ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދަނީ އީރާނުންނެވެ. ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ބަލިކުރުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އަރަބި ކޯލިޝަނުން ގެންދަނީ ހަނގުރާމަ ކުރަމުންނެވެ. ޔަމަންގައި އޮތް ސަރުކާރު 2015 ވަނަ އަހަރު ހޫތީން ނިކުމެ ވައްޓާލާ ޔަމަންގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗާލްސް

    ޢަރަބި ބޮޑު ކޯލިޝަން ލަޝްކަރަށް ހޫތީން ބަލިނުވި.
    ޢަރަބި ކޯލިޝަން ސިފައިން ޔަމަނުގެ ތިބެގެން ރޮނީ ހޫތީން ނާއި ކުރިމަތިލާން ނުކެރިގެން..ދެން ކޮން
    އީރާނަކާ ކުޅިކުޅޭނީ....އީރާނުގެ ރިވޮލިއުޟަނަރީ ގާޑުން ސައޫދީގެ ސިފައިން 24 ގަޑިއިރު އެތެރޭ ބޮޑު ގަބުރުސްތާނަކައް ހަދާފާނެ

  2. ކަސަމްސޭ

    ހޫތީން އަތުގައި އެ ވަރަށް މިސައިލާއި ރޮކެޓް އެބަހުރި ޢަރަބި ކޯލިޝަނައް ހުއްޓުވަން ނާދިރު
    ވަރަކަށް...އެކަމަކު އެއްފަހަރާ އެހާބައިވަރެއް ނުފޮނުވާނެ...ސަބަބަކީ އީރާނުން އެކަމުގެ ހުއްދަ
    ނުދޭތީ..އީރާނުން ބުނާގޮތަކަށް ހޫތީން ހަދާނީ

    3
    1