މަސްތުވާތަކެތީގެ ނެޓްވޯކްތައް ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުންނެވެ. ކަމާ ބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކާއި ޒަމާނީ ވަސީލަތްތަކާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ވެސް ދަނީ އެތަކެތި އެތެރެ ކުރާނެ އާ ގޮތްތައް ހޯދަމުންނެވެ.

ތާރީޚަށް ބަލާއިރު ވެސް ކާބޯތަކެތީގެ ތެރޭގައި އެކި ގޮތްގޮތަށް ޑްރަގް ގެންގުޅުމަކީ އާންމު ކަމަކަށް އޮންނަނީ ވެފައެވެ. ދާދި ފަހުން 91،000 ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަތީ ފަޅޮލެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

ސިންގަޕޫރުގެ އެކި ހިސާބުތަކުން އަތުލައިގަތް އެ ތަކެއްޗަކީ އެއް ނެޓްވޯކަކަށް ނިސްބަތްވާ ތަކެތި ކަމަށް ބެލެވެއެވެ. އެ ތަކެއްޗާއެކު މެލޭޝިއާއަށް ނިސްބަތްވާ ތިން މީހުންނާއި ސިންގަޕޫރަށް ނިސްބަތްވާ ފަސް މީހުން ހައްޔަރު ކުރިއެވެ.

ސިންގަޕޫރުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނީ ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 375 ގްރާމްގެ މެތަފެޓަމިން، 37 ގްރާމްގެ ހެރޮއިން، 135 ކިލޯ ގްރާމްގެ ކެޓަމައިން އަދި އެއް ބެންޒޯޑިަޒެޕައިން ބޭސްގުޅަ ހިމެނޭ ކަމަށެވެ.

މީގެ ކުރިން ޓޯފޫގައި ޖަލަށް އެތެރެކުރަން އެތެރެކުރަން އުޅުނު މަސްތުވާތަކެތިވެސް އެ ހިސާބުގަނޑުން އަތުލައިގަތެވެ.

މަސްތުވާތަކެތީގެ ޑީލަރުން އެތަކެތި ވިއްކަން އާ ގޮތްތައް ހޯދާތީ އެ ނެޓްވޯކްތައް ހުއްޓުވުން ކަމާއި ބެހޭ ފަރާތްތަކަށް ވަނީ ގޮންޖެހުމަކަށެވެ.

ސިންގަޕޫރަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެންމެ ހަރުކަށި ގާނޫނުތައް ގެންގުޅޭ އެ ގާނޫނުތައް އެންމެ ރަނގަޅަށް ތަންފީޒުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ފަހަކަށް އައިސް ތަންފީޒީ އިދާރާތަކަށް ސިއްރުން މަސްތުވާއެއްޗެހި އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެހެންކަމުން ކުރިއަށް ވުރެ ބޮޑަށް އިދާރާތަކުން ސަމާލުވާން ޖެހޭކަމަށް އެ ގައުމުގެ ނާކޮޓިކްސް ބިއުރޯއިން ވެސް ވަނީ ފާހަގަކޮށްފައެވެ.