އިނގިރޭސިވިލާތުގައި ކޮވިޑް-19 އާއި ގުޅިގެން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، އަންގާ އެންގުންތަކަށް ކިޔަމަން ނުވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް އެޤައުމުގެ އިދާރާތަކުން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އޮފިޝަލުން ނޫސްތަކުގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ފައްސިވެގެން އެޤައުމުގައި "ސެލްފް އައިސޮލޭޝަނަށް" ފޮނުވާފައިވާ މީހުން، އެންގުންތަކާއި ޚިލާފުވެއްޖެ ނަމަ 12000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ދެހަފްތާގެ މުއްދަތަކަށް ކަރަންޓީނުކޮށްފައިވާ މީހުން، އުސޫލާއި ހިލާފުވެއްޖެ ނަމަ، ފުރަތަމަ ފަހަރު 1200 ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ކަރަންޓީނުގެ އުސޫލާއި ދެވަނަ ފަހަރެއްގެ މަތީން ޚިލާފުވާ މީހުންވެސް 12000 އެމެރިކާ ޑޮލަރުން ޖޫރިމާ ކުރުމަށް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައި މިވަނީ، އެޤައުމުގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އިދާރާތަކުން ބުނެފައިވާ ގޮތުން އެޤައުމަށް މިހާރު އަރަމުން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދެވަނަ ރާޅެވެ.

އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި، މީގެ ކުރިން ބަލީގެ ނުރައްކާ ނެތް މިންވަރަށްވުރެ އިތުރުވެ، އިނގިރޭސިވިލާތުގެ ހާލަތު ވަރަށް ބޮޑަށް ގޯސް ވެދާނެކަމުގެ ބިރު އޮތްކަމަށް ސިއްޙީ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ، ކޮވިޑް-19 އާއި ގުޅިގެން ގޭގައި އައިސޮލޭޓް ކުރާ، މަދުން އާމްދަނީ ލިބޭ މީހުންނަށް 600 އެމެރިކާ ޑޮލަރުގެ އެލަވެންސެއް ދިނުމަށް ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ، އައިސޮލޭޝަނުގެ ސަބަބުން ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުރިހަމަކުރުމަށް އެޅިދާނެ ހުރަހަކަށްޓަކައެވެ.

އިނގިރޭސިވިލާތުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމު އަނެއްކާވެސް ދިގު ފުރަބަންދަކަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތައް މިހާރު ވަނީ ފެތުރިފައެވެ. އެޤައުމުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވެސް ވަނީ، ބަލި ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނާންނަ ނަމަ ފުރަބަންދު ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިނގިރޭސިވިލާތުން ފައްސިވާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. މިގޮތުން އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކު ހިމެނޭހެން އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 394,257 އަށް އަރައެވެ. އޭގެތެރެއިން މިހާތަނަށް 41,777 މީހަކު މަރުވެފައި ވެއެވެ.