ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ހަތް މިލިއަނަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަ މިލިއަނަށް އަރާފައި މިވަނީ، އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކު އަލަށް ފައްސިވުމާއި ގުޅިގެންނެވެ. އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ހަ މިލިއަނުން ހަތް މިލިއަނަށް އަރާފައި ވަނީ ތިންވަރަކަށް ހަފްތާ ތެރޭފައެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 32,000 މީހުން ހިމެނޭހެން އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7,000,470 އަށް އަރާފައެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ކެލެފޯނިއާ އާއި ޓެކްސަސް އާއި ފްލޮރިޑާ އާއި ނިއުޔޯކުގެ އިތުރުން ޖޯޖިއާ އާއި އިލިނޮއިސް އަދި އެރިޒޯނާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ކެލެފޯނިއާއިން މިހާތަނަށް ބަލީގެ 786,127 ވޭދަނަ ފެންމަތިވެފައި ވެއެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާގެ 22 ސްޓޭޓެއް އެބަ އޮތެވެ. އަދި އެންމެ މަދުން މި ބަލީގެ ވޭދަނަތައް ފެންމަތިވި ސްޓޭޓުން ވެސް 1500 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ގެ ވޭދަނަތައް އެމެރިކާގައި އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އެޤައުމުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެވެސް އިތުރު އެތައް ސަތޭކަ ބަޔަކު ހިމެނޭހެން މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 204,115 އަށް އަރާފައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާއަކީ، ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. މިގޮތުން މިވަގުތު އެޤައުމުގައި 14,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފައެވެ.

އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 4,247,969 މީހެކެވެ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވުނު 24,276 މީހަކުވެސް ހިމެނެއެވެ. އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ ޖުމްލަ 2,548,386 މީހަކަށެވެ.

331 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 31.2 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން 964,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު