ސިފައިން ގެނައި ބަޣާވާތެއްގައި ވެރިކަން ބަދަލުކޮށްފައިވާ އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ ވެރިކަން ވަގުތީ ގޮތުން ބޭފުޅަކާއި ހަވާލުކުރަން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މާލީގެ ވަގުތީ ރައީސްގެ މަގާމަށް އައްޔަން ކުރަން ނިންމީ ކުރީގެ ޑިފެންސް މިނިސްޓަރ ބަ އެން'ޑައޯއެވެ. ނައިބު ރައީސްގެ މަގާމަށް ވަނީ ސިފައިންގެ ވެރިޔާ ކާނަލް އަސިމީ ގޮއިޓާ އައްޔަން ކުރަން ނިންމާފައެވެ. ދެބޭފުޅުން މަގާމާއި ހަވާލުވާނީ އަންނަ ހުކުރު ދުވަހުއެވެ.

މާލީގެ ދައުލަތުގެ މީޑިއާ އިން ބުނީ ހުކުރު ދުވަހު މަގާމާއި ހަވާލުވާ ރައީސް އާއި ނައިބު ރައީސްގެ ބެލުމުގެ ދަށުން ސިފައިންގެ ތާއީދާއި ވެސް އެކުގައި މާލީގައި މަދަނީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް މަދަނީ ސަރުކާރެއް އެކުލަވާލަން ކިހައި މުއްދަތެއް ނަގާނެކަން ހާމަކޮށްފައެއް ނުވެއެވެ.

މާލީގެ ރައީސް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އެން'ޑައޯ އައްޔަން މިކުރީ މާލީގައި މަދަނީ ސަރުކާރެއް އުފެއްދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ އެފްރިކާގެ ގައުމުތައް ހިމެނޭ އިކޮނަމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީސީއޯޑަބްލިއުއޭއެސް) އާއި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ.

ބައިނަލްއަޤުވާމީ ފަރާތްތަކުން ގޮވާލަމުން ގެންދިޔައީ މާލީގެ ވެރިކަން ވަގުތީ ގޮތުން އަދާކުރައްވާ ބޭފުޅަކަށް ވެސް މަދަނީ ބޭފުޅަކު އައްޔަން ކުރައްވާށެވެ. އެން'ޑައޯ އަކީ މިހާރު ސިފައިންގެ ބޭކަލަކަށް ނުވިނަމަވެސް އޭނާ ވަނީ ކުރިން ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭނާ ވަނީ އަހަރުތަކެއް ކުރިން އަސްކަރިއްޔާ އިން ރިޓަޔާ ކުރައްވާފައެވެ.

މާލީގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ބޯބަކާރު ކެއިތާ ސިފައިން ގެނައިން ބަޣާވާތެއްގައި ވެރިކަމުން ދުރުކުރީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.