އެމެރިކާގެ ސިއްރު އެތައް ހާސް ލިޔުމެއް ލީކް ކޮށްލި ވިކިލީކްސްގެ ފައުންޑާ ޖޫލިއާ އަސާންޖް އިނގިރޭސިވިލާތުގެ ޖަލުގައި މިހާރު އޮންނައިރު އޭނާ އަށް "ގޮތް ނޭނގޭ ރޫހާނީ އަޑުތަކެއް" އިވޭކަމަށް ސައިކޭޓްރިސްޓަކު މިއަދު ކޯޓުުގައި ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ކޯޓަކުން ނެރުނު ކަފާލާތުގެ އަމުރަކާއި ހިލާފުވި މައްސަލައިގައި އަސާންޖްގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް އޭނާ ތަންފީޒު ކުރަމުން ގެންދަނީ އިނގިރޭސިވިލާތުގެ ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ޖަލުތަކުގެ ތެރެއިން ޖަލެއްގައެވެ.

އަސާންޖް އެމެރިކާ ސަރުކާރާއި ހަވާލުކުރުމާއި މެދު ގޮތެއް ނިންމަން ކުރިއަށް ގެންދާ ޝަރީޢަތުގައި އަންގާރަ ދުވަހު ސައިކޭޓްރިސްޓެއް ކަމަށްވާ މައިކަލް ކޮޕުލްމަން ބުނީ އަސާންޖްގެ ނަފްސާނީ ހާލަތު ހުރީ ވަރަށް ގޯސްކޮށް ކަމަށާއި އޭނާ ދަންޖެހިގެން މަރުވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށެވެ.

މައިކަލް ވަނީ އަސާންޖްގެ ނަފްސާނީ ހާލަތު ބެލުމަށް ވިއްސަކަށް ފަހަރު އޭނާ އާއި ބައްދަލު ކޮށްފައެވެ.

މައިކަލް ބުނީ އަސާންޖްގެ ހާލަތައް ބަލާއިރު އޭނާ ހުރީ ވަރަށް ބޮޑު ޑިޕްރެޝަނެއްގައި ކަމަށާއި ޖަލުގައި އެކަހެރި ކޮށްފައި ހުރުމުން އަސާންޖްގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.

"ނުފެންނަ މީހަކު އަސާންޖް ކައިރީގައި ކަލެއަކީ ކުނިގަނޑެއް ކަމަށް ބުނާ އަޑު އޭނާ އަށް އިވޭ. އޭނާ އާއި ކައިރިއަށް މަރު އަންނަމުންދާ ކަމަށް ވެސް ނުފެންނަ އަޑަކުން އަސާންޖް ކައިރީގައި ބުނާ އަޑު އަސާންޖަށް އިވޭ." މައިކަލް ބުންޏެވެ.

އަސާންޖްގެ ލޯބިވެރިޔާ ސްޓެއްލާ މޮރިސް ވެސް މީގެ ކުރިން ބުނެފައި ވަނީ އަސާންޖް އަމިއްލައަށް މަރުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. ސްޓެއްލާ އާއި އަސާންޖަށް ދެދަރިން ލިބިފައި ވެއެވެ.

އަސާންޖްގެ ވަކީލުން މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާ ސަރުކާރާއި އަސާންޖް ހަވާލު ކުރުމުގެ މައްސަލަ އަސާންޖް ކޮޅަށް ނިންމުންމަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި އަސާންޖް ސަލާމަތް ވުމަކީ ވަރަށް ނާދިރު ކަމެކެވެ.

އަސާންޖް އެމެރިކާގެ ސިއްރު ލިޔުންތައް ލީކް ކޮށްލި މައްސަލައިގައި އެމެރިކާ އިން ވަނީ 18 ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައެވެ. އިނގިރޭސިވިލާތުން އަސާންޖް އެމެރިކާ ސަރުކާރާއި ހަވާލުކޮށްފިނަމަ އޭނާގެ މައްޗަށް މަރުގެ ޙުކުމެއް ނުވަތަ 175 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.