ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިނގިރޭސިވިލާތުގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި އޮތުމަށްފަހު އަނެއްކާވެސް އިންތިހާއަށް ނުރައްކާ ބޮޑުވުމާއި ގުޅިގެން، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ރައްކާތެރިކަމުގެ އުސޫލުތައް ދެމެހެއްޓުމަށް އެޤައުމުގެ އަސްކަރިއްޔާ ނެރެން ތައްޔާރުވާން ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް އިއުލާނުކުރައްވަމުން މިކަން ހާމަކުރައްވާފައި ވަނީ އެޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ދެއްވި ތަޤުރީރެއްގައި ވާހަކަފުޅު ދައްކަވަމުން ބޮރިސް ވިދާޅުވީ، މިހާރު އެޤައުމުގެ ހާލަތު އޮތް ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުކަށި އުސޫލުތައް އެކުލަވާލަން މަޖުބޫރުވެފައިވާ ކަމަށެވެ. މިގޮތުން ފިޔަވަޅުތައް ތަންފީޒުކޮށް އުސޫލުތައް ދެމެހެއްޓުމަށް ފުލުހުންގެ އިތުރުން އަސްކަރިއްޔާ ނެރެން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވެފައިވާ ކަމަށް ބޮރިސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނާތީ އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަމަސް ދުވަހުގެ މުއްދަތަކަށް ދަމަހައްޓަން ޖެހިދާނެކަމަށް ވިދާވެ ބޮރިސް ވަނީ، ބަލި ފެތުރިޔަ ނުދިނުމަށް އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ބޮރިސް ވަނީ އިނގިރޭސިވިލާތުގެ އާންމު ޚިދުމަތްދޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައިވަކަން ވެސް އިއުލާނުކުރައްވާފައެވެ. މިގޮތުން މި އުސޫލާއި ޚިލާފުވާ މީހުން، އުސޫލާއި ޚިލާފުވާ މިންވަރަށް ބަލައި ޖޫރިމަނާ އިތުރުކުރަމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މީގެ ކުރިން އެކުލަވާލާފައިވާ ގިނަ އުސޫލުތައް ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. މިގޮތުން މީހުން އެއްވެސް އުޅޭ ހަފްލާތަކާއި ކުޅިވަރު މައިޒާންތަކަށް ވެސް ގޮސް އުޅެވޭ މީހުންގެ އަދަދު ވަނީ ލިމިޓްކޮށްފައެވެ. ހަމަ އެހެންމެ ރޭގަނޑުގެ ކަނޑައެޅޭ ވަކި ވަގުތުތަކަކުން ފަށައިގެން ރެސްޓޯރެންޓުތަކާއި ޕަބްތަކާއި އެނޫންވެސް އެފަދަ އާންމު ޚިދުމަތްދޭ އަދި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން ޖެހޭގޮތަށް ބައެއް ސަރަޙައްދުތަކުގައި ކާފިއު ހިންގުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ފަހަކަށް އައިސް އިނގިރޭސިވިލާތުން އަލަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، މިދިޔަ އަންގާރަ ދުވަހު އިތުރު 4368 މީހަކު އަދި އިއްޔެ އިތުރު 4926 މީހަކަށް އެޤައުމުން މިބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއީ މިދިޔަ މޭއި މަހަށް ފަހު މިހާތަނަށް އެޤައުމުން އެންމެ ގިނަ ބަޔަކަށް ބަލިޖެހުނު ފަހަރެވެ.

އިނގިރޭސިވިލާތަށް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެ، މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ މިއަހަރުގެ މާރިޗު މަހާއި މޭއި މަހާއި ދެމެދުއެވެ. އެޤައުމުން މިހާތަނަށް ފައްސިވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ މި މުއްދަތުގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިނގިރޭސިވިލާތުން މިހާތަނަށް 403,551 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން 41,825 މީހަކު ވަނީ މަރުވެފައެވެ. އެޤައުމަކީ މިވަގުތު ދުނިޔެއިން 14 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތިކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު، އިނގިރޭސިވިލާތް ހިމެނޭހެން ގިނަ ޤައުމުތަކަށް ގޯސްވަމުން އަންނައިރު، މި ހާލަތަށް ބަދަލެއް ގެނެވޭނީ ވެކްސިނެއް ބޭނުންކުރެވެން ފެށުމުން ކަމަށް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެއެވެ.