ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ގޮވި ހާދިސާ ހިނގިތާ މަހެއްހައި ދުވަސް ވެފައިވަނިކޮށް އަނެއްކާވެސް އެ ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި ގޮވުމެއް ގޮވައިފި އެވެ.

ނޫސްތައް ބުނާގޮތުގައި މިގޮވުން ގޮވާފައި ވަނީ ބެއިރޫތާއި 30 މޭލު ދުރުގައި އޮންނަ އަވަށެއް ކަމަށްވާ އައިން-ޤާނާ ގައެވެ. މިހާދިސާ ހިނގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން އަންގާރަ ދުވަހުގެ ހާދިސާގައި ގޮވާފައި ވަނީ އައިން-ޤާނާ ގައި ހަރަކާތްތެރިވާ ހިޒްބުﷲ ހަނގުރާމަވެރިން ހަތިޔާރު ރައްކާކޮށްފައ ހުރި ބޮޑު ގުދަނެއްގައެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައި ވެއެވެ. ނަމަވެސް ހާދިސާގައި މީހަކު މަރުވި ކަމެއް އަދި އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ލުބުނާނުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ "ޓެކްނިކަލް" މައްސަލަ އެއްގެ ސަބަބުން ކަމަށެވެ. އަދި މިއީ އިސްރާއިލް އިން ހިޒްބުﷲ އަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށްވެސް ބައެއް މަސްދަރުތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ހާދިސާ އާއި ގުޅިގެން ހިޒްބުﷲ އިން އަދި އެއްޗެއް ނުބުނެއެވެ.

އަންގާރަ ދުވަހުގެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތައް މިހާރު އިންޓަނެޓުގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯތަކުން ފެންނަނީ ގޮވި ސަރަޙައްދަށް ވަރަށް ބޮޑަށް ދުން ފެތުރިފައި ވަނިކޮށެވެ. މަންޒަރުދުށް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުން ގޮވުމުގެ ބާރުގަދަކަމުން ހާދިސާ ހިނގި ވަގުތު ކައިރި ހިސާބުތަކަށް ލޮޅުންވެސް އައިސްފައިވެއެވެ.

ބެއިރޫތުގެ ބޮޑު ގޮވުމުގެ ހާދިސާއަށް މާގިނަ ދުވަސްތަކެއް ނުވަނީސް ދާދިފަހުން އެ ސިޓީގައި ވެސް އަލިފާނުގެ އިތުރު ހާދިސާއެއް ހިނގާފައި ވެއެވެ. މިފަދަ ހާދިސާތައް ހިނގުން އާންމުވެފައި ވާތީ ލުބުނާނުގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބެއިރޫތުގައި ގޮވި ހާދިސާގައި އެ ސިޓީން 150 އަށްވުރެ ގިނަ މީހަކު މަރުވެ އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ. އަދި މި ހާދިސާގައި ފަސްހާހަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.

ބެއިރޫތުގެ ވިޔަފާރި ބަނދަރެއްގައި ހިނގި މި ގޮވުމުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާގެ ނުރައްކާ ބޮޑުވީ، ގޮވި ސަރަޙައްދުގައި ގިނަ އަދަދަކަށް ގޮވާތަކެތި ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވުމުންނެވެ. މި ގޮވުމުގައި ބެއިރޫތުގެ ބޮޑު ސަރަޙައްދެއް ވަނީ ބިމާއި ހަމަވެފައެވެ.