2012 ވަނަ އަހަރު ޕާކިސްތާނުގައި 260 މީހަކު މަރުވި އަލިފާނުގެ ނުރައްކާތެރި ހާދިސާ އާއި ގުޅިގެން، އެޤައުމުގެ ކުރީގެ ވެރިކަންކުރި މުއްތާހިދާ ޤައުމީ މޫވްމެންޓް (އެމްކިއުއެމް) ޕާޓީގެ އިސް ދެ އެކްޓިވިސްޓަކު މަރަން ޙުކުމްކޮށްފި އެވެ.

އަންގާރަ ދުވަހު ޕާކިސްތާނުގެ ކޯޓަކުން މި ދެ މީހުން މަރަން ޙުކުމްކޮށްފައި ވަނީ، ކަރާޗީގައި ހުންނަ "އަލީ އެންޓަޕްރައިސެސް" ނަމަކަށްކިޔާ އިމާރާތުގައި ގަސްތުގައި އަލިފާން ރޯކުރުމުގެ ކުށް އެދެމީހުންގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

ޕާކިސްތާނުގެ އެންޓި ޓެރެރިޒަމް ކޯޓުން ބުނެފައިވަނީ، މި ދެމީހުންވެގެން އިމާރާތުގައި އަލިފާން ރޯކޮށްލީ އެތަނުގެ ވެރިފަރާތުން ލިބެން ޖެހޭ ފައިސާތަކެއް ނުލިބުމުން ބަދަލު ހިފުމުގެ ގޮތުންކަމަށެވެ.

ރެޑީމޭޑް ގާމެންޓް އުފައްދާ ފެކްޓްރީއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އެ އިމާރާތުގައި އަލިފާން ރޯވި ހާދިސާއަކީ ޕާކިސްތާނުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ހާދިސާ ހިނގި ވަގުތު ބޭރަށް ނިކުމެވޭނެ ގޮތެއް ނެތުމުންނެވެ.

މި ނުރައްކާތެރި ހާދިސާ އާއި ގުޅިގެން މަރަން ޙުކުމް އިއްވި ދެމީހުން ނިސްބަތްބާ އެމްކިއުއެމް ޕާޓީން މިކަމާއި ގުޅިގެން ބުނެފައިވަނީ، މިއީ ޕާޓީގެ ބައިވެރިވުމެއް އޮތް ހާދިސާއެއް ނޫން ކަމަށާއި، މިހާދިސާ އަކީ ބޭރުގެ ބަޔަކާއި ގުޅިގެން ހިންގާފައިވާ ނިރުބަވެރި އަމަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު