ބާރުގަދަ ވިހައެއް ދިނުމުގެ ސަބަބުން ހާލުދެރަވެގެން ފަރުވާދެމުން ދިޔަ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނީ، ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އޭނާއަށް ފަރުވާދޭތާ މަހެއްހައި ދުވަސް ވެފައި ވަނިކޮށް އަންގާރަ ދުވަހުއެވެ. ނަވަލްނީއަށް ފަރުވާކުރަމުން ދިޔައީ ޖަރުމަންވިލާތުގެ ހޮސްޕިޓަލެއްގައެވެ. އެ ހޮސްޕިޓަލުން މިކަން ހާމަކޮށް ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލީ މިހާރު ހާލު އެއްކޮށް ރަނގަޅުވުމުން ކަމަށެށެ.

ބާރުގަދަ ވިހައެއް ދިނުމުން ނަވަލްނީގެ ހާލު ސީރިއަސް ވެގެން އޭނާއަށް ކޯމާއެއްގައި ފަރުވާ ދޭން ޖެހުނެވެ. އޭނާއަށް ދިން ވިހައިގެ ސަބަބުން އަސަރުކޮށްފައި ވަނީ ސިކުނޑިއަށެވެ. އެ ވިހައަކީ ކުޑަ މިންވަރެއް ހަށިގަނޑުގެ ތެރެޔަށް އެތެރެވިނަމަވެސް ފުރާނައަށް ނުރައްކާވާފަދަ ވިހައެއް ކަމަށް ވެއެވެ.

ފަރުވާއަށްފަހު ނަވްލީން ވަނީ އޭނާއަށް ފަރުވާދިން ޑޮކްޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ހޮސްޕިޓަލުން ދޫކޮށްލިނަމަވެސް ނަވަލްނީގެ ސިކުނޑި މަސައްކަތްކުރާ ވަރު ރަނގަޅު ކުރުމަށް ފޮތްލިޔުމާއި ގޭމްކުޅުންފަދަ ކަންކަން ކުރުމަށް އޭނާ ބެއްލެވި ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.

ނަވަލްނީގެ ހާލު ސީރިއަސްވީ މިދިޔަ މަހު ސައިބީރިއަން ސިޓީން މޮސްކޯއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އޭނާގެ ހާލު ސީރިއަސްވިއިރު އިނީ ފްލައިޓްގައެވެ.

މިހާތަނަށް ބެލެވިފައިވާ ގޮތުން ނަވަލްނީއަށް ދިން ވިހަ ހުރީ އޭނާ ހުރި ހޮޓަލުގެ ކޮޓަރީގައި އޮތް ފެންފުޅިއެއްގައެވެ. މި މައްސަލައިގެ ތަހުޤީޤެއް ފަށައިގެން ކުރިޔަށް ދިޔަނަމަވެސް ތަހުޤީޤަށް މާބޮޑު ކުރިއެރުންތަކެއް ނުލިބޭނެ ކަމަށް ރަޝިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެއީ ނަވަލްނީއަށް ވިހަ ދީގެން މަރާލަން މަސައްކަތް ކުރެއްވީ ރަޝިޔާގެ ރައީސް ވްލެޑްމިއާ ޕޫޓިން ކަމަށް އެފަރާތްތަކުން ތުހުމަތު ކުރާތީއެވެ.

ނަމަވެސް ރަޝިއާ ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ނަވަލްނީއަށް އިންސާފު ހޯއްދައިދޭނެ ކަމަށް ބުނަމުންނެވެ.

ނަވަލްނީ އަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ނަވަލްނީގެ ސިޔާސީ ޕާޓީ ވެސް ވަނީ ރަޝިއާގައި ހަރަކާތްތެރިވުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު