ބެލަރުސްގެ ރައީސް އެލެގްޒެންޑްރާ ލުކާޝެންކޯ އާއި ދެކޮޅަށް އެޤައުމުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން 360 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

ލުކާޝެންކޯ އާއި ދެކޮޅަށް ބެލަރުސްގެ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުން ދަނީ ދާދިފަހުން އެޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެއެވެ.

ލުކާޝެންކޯ ހަވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް އިރު، އެމަނިކުފާނު ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ރައީސްކަމުގެ ހުވާކުރައްވާފައެވެ. ނަމަވެސް ހުވާކުރުމުގެ އެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރު ރަސްމިއްޔާތެއްގެ ގޮތުގައެވެ.

ލުކާޝެންކޯ މަޤާމުގެ ހުވާކުރެއްވިކަން ވެސް ގިނަ ބަޔަކަށް އެނގުނީ، ހުވާކުރެއްވި ފަހުންނެވެ. މިކަމާއި ގުޅިގެން ބެލަރުސްގެ އެތައް ހާސް އާންމު ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާގައި ބައިވެރިވެފައެވެ. އަދި މުޒާހަރާތައް ހޫނުވެ، ބައެއް މީހުން ވަނީ ސަލާމަތީ ބާރުތަކާއި ކުރިމަތިލާފައެވެ.

ލުކާޝެންކޯ ވިދާޅުވެފައި ވަނީ ބެލަރުސް ގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކަކީ އެޤައުމުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ބޭރުގެ އެހީއާއެކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ މުޒާހަރާގެ ބައިވެރިންނާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އޭނާ ކުރިންވެސް ވަނީ ދެއްވާފައެވެ.

ބެލަރޫސްގެ ރިޔާސީ އިންތިޚާބުން ލުކާޝެންކޯ ކާމިޔާބު ހޯއްދަވާފައި ވަނީ 80 އިންސައްތަ ވޯޓުންނެވެ. ނަމަވެސް މި އިންތިޚާބުގެ ކުރިން ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަލުން ލުކާޝެންކޯގެ މައްޗަށް އިދިކޮޅު ކެންޓިޑޭޓް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

ބެލަރުސްގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިޔަށް ދިޔަ ގޮތާއި މެދު ހުޅަނގުގެ ބައެއް ޤައުމުތަކައި އީޔޫފަދަ ޖަމާޢަތްތަކުން ވެސް ވަނީ ސުވާލު އުފައްދާފައެވެ.