އަންން އޮކްޓޫބަރު މަހު އުމްރާގެ އަޅުކަމަށް ސައުދީގައި ހުންނަ މުސްލިމުންގެ މުޤައްދަސް ދެޙަރަމް ހުޅުވާލާއިރު އެންމެ ފުރަތަމަ ފުރސަތު ލިބޭނީ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށް އެޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އުމްރާގެ އަޅުކަން ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށެވެ. އަދި މިފުރުސަތު ހުޅުވާނީ ތިން ފޭސްއަކަށް ބަހައިގެން ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު އުމްރާވުމަށް ހުޅުވާލަނީ ފޭސް އެކެއްގެ ދަށުންނެވެ. މި ފޭސްގައި ފުރުސަތު ލިބޭނީ އުމްރާވުމަށް ޖާގަލިބޭ ޖުމްލަ މިންވަރުން 30 އިންސައްތަ މީހުންނަށެވެ. މިއީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު 6000 މީހުންގެ ޖާގައެވެ.

އުމްރާވުމަށް ހުޅުވާލުމުގެ ދެވަނަ ފޭސް އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ފެށިގެންދާއިރު، ޖާގައިގެ 75 އިންސައްތަ ދޫކުރާނެ ކަމަށް ސައުދީގެ އިންޓީރިއާ މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު 15،000 މީހުންގެ ޖާގައެވެ. މި ފޭސްގައި ވެސް ފުރުސަތު ލިބޭނީ ހަމައެކަނި ސައުދީގައި ދިރިއުޅޭ މީހުންނަށެވެ.

އުމްރާވުމަށް ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށޭ ފޭސް ތިނެއްގެ ދަށުންނެވެ. ނަމަވެސް މިގޮތުންހުޅުވާލެވޭ އިރުވެސް އުމްރާވާން ދެވޭ މީހުންގެ އަދަދު ވަނީ ލިމިޓްކޮށްފައެވެ. މިގޮތުން ކޮންމެ ދުވަހަކަށް ދޫކުރާނީ 20،000 މީހުންގެ ޖާގައެވެ.

އުމްރާގެ އަޅުކަން މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، އަލުން ފުރުސަތު ހުޅުވާލާއިރު ކޮވިޑް-19 އާއި ގުޅިގެން އަޅުކަން އަދާކުރާ މީހުން އަމަލުކުރަން ޖެހޭ ހަރުކަށި މިންގަނޑުތަކެއް ސައުދީގެ އިދާރާތަކުން ވަނީ އެކުލަވާލާފައެވެ.

އުމްރާގެ އަޅުކަމަށް އަލުން ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި، މީގެ ކުރިޔާ އަޅާބަލާއިރު ސައުދީގައި ކޮވިޑް-19 ފެތުރޭ މިންވަރު މަދުވެފައި ވަނިކޮށެވެ. އެޤައުމަށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ މިދިޔަ ޖޫން މަހާއި ޖުމައި މަހާއި ދެމެދުއެވެ.

މިހާތަނަށް ސައުދީން ޖުމްލަ 331,359 މީހަކަށް ކޮވިޑް-19 ޖެހި އޭގެތެރެއިން 4,569 މީހަކު މަރުވެފައި ވެއެވެ. މިހާތަނަށް އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 313,786 މީހަކު ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.