އެމެރިކާގެ ކެލެފޯނިއާގެ އެކި ސަރަޙައްދުތަކުގައި ރޯވެ ކޮންޓްރޯލްނުވެ އަނދަމުންދާތީ، އަލިފާން ނިއްވުމުގައި އެހީތެރިވުމަށް މެކްސިކޯ އިން ފަޔާފައިޓަރުން ފޮނުވައިފި އެވެ.

ކެލެފޯނިއާގެ އެކި ސަރަޙައްދުތަކުގެ ބިޔަ ޖަންގަލިތަކުގައި ރޯވެ އަނދަން ފަށާފައިވަނީ މިމަހު ކުރީކޮޅުއެވެ. އެ ސަރަޙައްދުތަކުގައި ރޯވެފައި ވަނީ ކެލެފޯނިއާ އަށް އާދަޔާއި ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުންނެވެ.

މި އަލިފާންގަނޑުތައް ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުން ދާއިރު، އެމެރިކާގެ އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެކްސިކޯ އިން ފަޔާފައިޓަރުން ފޮނުވުމުން އެމެރިކާގެ އިދާރާތަކުން ވަނީ އެފަރާތްތަކަށް މަރުޙަބާ ކިޔައި ޝުކުރު އަދާކޮށްފައެވެ.

މެކްސިކޯ އިން ބުނެފައިވަނީ މިފަދަ ކާރިސާތަކުގައި އިސްކުރަން ވާނީ އެއްބައިވަންތަކަން ކަމުގައި އާއި، ދެ ޤައުމެއްގެ ގޮތުގައި އޮތަސް އެމެރިކާ އާއި އެމެރިކާ އަކީ އެއްބައެއް ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި އެމެރިކާއަށް ލިބެމުންދާ ގެއްލުމަކީ އެޤައުމަށްވެސް ލިބޭ ގެއްލުމެއް ކަމަށް މެކްސިކޯއިން ވަނީ ބުނެފައެވެ.

އެމެރިކާގެ އިދާރާތަކަށް އެހީތެރިވުމަށް މިމަހު ކުރީކޮޅު ކެނެޑާއިންވެސް ފަޔާފައިޓަރުން ފޮނުވާފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ކެލެފޯނިއާގެ 23 ސަރަޙައްދެއްގައި ދަނީ ރޯވެ އަނދަމުންނެވެ. މި އަލިފާނުގައި މިހާތަނަށް 3.4 މިލިއަން އޭކަރުގެ ސަރަޙައްދެއް އަނދާފައި ވާއިރު، މިއީ ތާރީޚުގައި ވެސް މިހާތަނަށް އެޤައުމުގައި އެންމެ ބޮޑު ސަރަޙައްދެއް މިފަދަ ހާދިސާއެއްގައި އެނދި ފަހަރެވެ.

ކެލެފޯނިއާގެ އިތުރުން އެމެރިކާގެ އޮރެގަންގެ 12 ސަރަޙައްދެއްގައި ވެސް ރޯވެ އަނދަމުން އެބަދެއެވެ. އޮރެގަންގައި ރޯވެފައިވާ އަލިފާންގަނޑުވެސް ކޮންޓްރޯލްވުމެއްނެތި ފެތުރެމުންދާއިރު މިހާތަނަށް 938,000 އޭކަރުގެ ސަރަޙައްދެއް އަނދާފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ރޯވެ ހިނގަމުންދާ ހާދިސާތަކުގައި މިހާތަނަށް ކެލެފޯނިއާއިން އެކަނިވެސް 12 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.