ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެމެރިކާގެ މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އަށް ބޮޑެތި ނާކާމިޔާބީތަކެއް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިގޮތުން ފޮކްސް ނިއުސް އިން އެންމެ ފަހުން ކުރިޔަށްގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެމެރިކާގެ ބޮޑެތި ސްޓޭޓްތަކުން ޓްރަމަޕްގެ މައްޗަށް، އިދިކޮޅު ކެންޑިޑޭޓް ޖޯއީ ބައިޑަން ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

ފޮކްސް ނިއުސްގެ ވޯޓުތައް ދައްކާ ގޮތުން އެމެރިކާގެ ނެވާޑާ ސްޓޭޓް އާއި އޮހިއޯ އަދި ޕެންސީލްވޭނިއާފަދަ ސްޓޭޓްތަކުންވެސް ކުރީގައި އުޅުއްވަނީ ބައިޑަންއެވެ. މި ވޯޓުގެ ނަތީޖާ ފޮކްސް ނިއުން އިން އާންމުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފޮކްސް ނިއުސްގެ ވޯޓުގައި ނެވާޑާއިން ބައިޑަންއަށް ވަނީ 52 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެ ސްޓޭޓުން ބައިޑެން އާއި ޓްރަމްޕް އަށް ލިބުނު ވޯޓުން ޓްރަމަޕް ބަލިވީ 11 އިންސައްތައިގެ ތަފާތަކުންނެވެ. އަދި ޕެންސީލްވޭނިއާއިން 51 އިންސައްތަ ވޯޓު ބައިޑެން އަށް ލިބިވަޑައިގެންނެވިއިރު، ޓްރަމްޕް އަށް އެ ސްޓޭޓުން ލިބުނީ 44 އިންސައްތަ ވޯޓެވެ. އަދި އޮހިއޯ އިން 50 އިންސައްތަ ވޯޓް ބައިޑެން އަށް ލިބިވަޑައިގެންފައި ވާއިރު، ޓްރަމްއަށް އެ ސްޓޭޓުން ލިބުނީ 45 އިންސައްތައެވެ.

މި ސްޓޭޓްތަކަކީ 2016 ވަނަ އަހަރު އެންމެ ފުރަތަމަ ޓްރަމްޕް ރިޔާސީ އިންތިޚާބަށް ނިކުތްއިރު އޭނާއަށް އެންމެ ބޮޑު ތަރުޚީބެއް އޮތް، އަދި ބޮޑުތަފާތަކުން ވޯޓުން ކުރި ހޯދާފައިވާ ސްޓޭޓްތަކެވެ.

ޚިޔާލު ހޯދުމުގެ މިނޫންވެސް ގިނަ ވޯޓުތަކުން ޓްރަމްޕް އަށް ނާކާމިޔާބާއި ކުރިމަތިވަމުން އަންނައިރު އެކަމާއި ގުޅިގެން އޭނާ ބުނެފައިވަނީ އެއީ އޭނާއަށް ނަފުރަތު ކުރާ ބަޔަކު ކުރިޔަށްގެންދާ ވޯޓުތަކެއް ކަމަށާއި، އޭނާއަށް ތާޢީދުކުރާ މީހުން އެފަދަ ވޯޓުގައި ބައިވެރި ނުވާނެ ކަމަށެވެ.

ހަމައެހެންމެ ފޮކްސް ނިއުސް ފަދަ ނޫސް އިދާރާތަކުން ހިންގާ ޚިޔާލު ހޯދުމުގެ ވޯޓަކީ އެއްވެސް އިތުބާރެއްނެތް ވޯޓުތަކެއް ކަމަށް ބުނެ، އެ އިދާރާއަށް ބަހުގެ ހަމަލާތަކެއް އޭނާ އަމާޒުކޮށްފައި ވެއެވެ.

ފޮކްސް ނިއުސް އިން ޚިޔާލު ހޯދުމުގެ ވޯޓު ކުރިޔަށް ގެންގޮސްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމީ ޓްރަމްޕް

    ޓްރަމްޕް- "ޓްރަމްޕް ބުނާ ގޮތުގައި ފޮކްސް ނިއުސް ފިޔަވައި އެމެރިކާގެ އެހެން މީޑިއާތަކުން ހަދަނީ ދޮގެވެ. ފޮކްސް ނިއުސް އަކީ އަބަދުވެސް އެމެރިކާގެ ރިޕަބްލިކަނުންނަށް ތާއިދު ކުރާ މީޑިއާ އެކެވެ."

    އަނެއްކާވެސް ޓްރަމްޕް- "ހަމައެހެންމެ ފޮކްސް ނިއުސް ފަދަ ނޫސް އިދާރާތަކުން ހިންގާ ޚިޔާލު ހޯދުމުގެ ވޯޓަކީ އެއްވެސް އިތުބާރެއްނެތް ވޯޓުތަކެއް ކަމަށް ބުނެ، އެ އިދާރާއަށް ބަހުގެ ހަމަލާތަކެއް އޭނާ އަމާޒުކޮށްފައި ވެއެވެ." މިއީ މިމީހާގެ ފެންވަރު. މިހާރު ފޮކްސް ނިއުސް ވެސް ކަމަކު ނުދިޔަ.

  2. ބާންޑީ

    ބްރޯ އޭނަ ދެން ވެސް ހޮވޭނީ. ޅޮޅް