ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 24 މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 24 މިލިއަނަށް އަރާފައި މިވަނީ އިތުރު ގިނަ އަދަދެއްގެ ބަޔަކު އިއްޔެވެސް މި ބަލިން ރަނގަޅުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނިކޮށެވެ. ބަލިން ރަނގަޅުވީ މީހުންގެ އަދަދު 23 މިލިއަނުން 24 މިލިއަނަށް އިތުރުވީ މިދިޔަ ހަތަރު ވަރަކަށް ދުވަސް ތެރޭގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ދުނިޔޭގެ އެކި ކަންކޮޅުތަކުން 178,490 މީހުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 24,097,579 ގައެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ފަހަކަށް އައިސް، ކުރިން ނުފެތުރޭހައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު، އިއްޔެ އެކަނިވެސް ދެލައްކައަށްވުރެ ގިނަ މީހުން އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 32,696,186 އަށް އަރާފައެވެ. ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވުމަށްފަހު ބަލިން ރަނގަޅުވި މީހުންގެ އަދަދު 24 މިލިއަނަށް އަރާފައިވީނަމަވެސް، އަލަށް ބަލި ޖެހޭ މީހުންގެ ނިސްބަތާއި އަޅާބަލާއިރު، ރަނގަޅުވާ މީހުންގެ އަދަދު މަދެވެ. އެހެންކަމުން ދުނިޔެއަށް މި ބަލިމަޑުކަމުގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ ވެސް އިތުރު 4000 އަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް ދުނިޔެއިން 991,000 މީހުން މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ ހަތް މިލިއަން މީހަކަށެވެ. މީގެ ތެރެއިން 63,000 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގައި ހާލު ދެރަވެގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވެ، ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އަދި މި ބައްޔަށް ފަރުވާ ކުރެވޭނެ ކާމިޔާބު ބޭހެއް ނުވަތަ ވެކްސިނެއް ބޭނުންކުރެވެން ފެށިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު