ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރަޝިޔާއިން މަރުވި މީހުންގެ އަދަދު 20,000 އަށް އަރައިފިއެވެ.

ރަޝިޔާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވިހި ހާހަށް އަރާފައި މިވަނީ، އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 108 މީހަކު ހިމެނޭހެން ރަޝިޔާއިން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 20,056 ގައެވެ.

ކޮވިޑް ޖެހިގެން ރަޝިޔާއިން މަރުވި މީހުންގެ އަދަދު ވިހިހާހަށް އަރާފައިވާއިރު، އެޤައުމުން ފައްސިވާ މީހުންގެ އަދަދުވެސް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 7,212 މީހަކު ހިމެނޭހެން މިހާތަނަށް އެޤައުމުން ޖުމްލަ 1,136,048 މީހަކު ފައްސިވެފައި ވެއެވެ.

ރަޝިޔާއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވެ މަރުވި ނަމަވެސް، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އަލަށް ފައްސިވާ މީހުންގެ އަދަދު މީގެ ކުރިޔާއި އަޅާބަލާއިރު މަދެވެ.

އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. މިގޮތުން މޭއި މަހުގެ ތެރޭގައި ކޮންމެ ދުވަހަކު ރަޝިޔާއިން އަށްހާހާއި ދިހަހާހާއި ދެމެދުގެ އަދަދަކަށް މީހުންނަށް އަލަށް މި ބަލި ޖެހިފައި ވެއެވެ. އަދި މޭއި މަހުން ފެށިގެން އެޤައުމުން މަރުވާ މީހުންގެ އަދަދުތަކަށް މާބޮޑު ހިފެހެއްޓުމެއް ނާދެއެވެ.

ރަޝިޔާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި 12 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 934,146 މީހަކު ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުންދާ މީހުންގެ ތެރެއިން 2000 އަށްވުރެ ގިނަ މީހުން ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރު ވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރަޝިޔާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ.