އިނގިރޭސިވިލާތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުށްވެރިއަކު ފުލުހަކަށް ހަމަލާދީ މަރާލައިފިއެވެ.

ނޫސްތައް ބުނާގޮތުން ލަންޑަނުގެ ކްރޮއިޑަން ކަސްޓިޑީ ސެންޓަރުގައި އިއްޔެ ހިނގި މި ހާދިސާގައި، މަރުވި ފުލުހަށް ހަމަލާދީފައިވަނީ ބަޑިއަކުންނެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ކޮވިޑް-19 އާއި ގުޅިގެން ހައްޔަރު ކުރާ މީހުން މަގުމަތިން ބަލައި ފާސްކުރުމުގެ ބަދަލުގައި ފުލުހުންގެ ކަސްޓިޑީއަށް ގެންގޮސް ފާސްކުރުމުގެ އުސޫލަކަށް އަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން އޭނާ ހައްޔަރުކުރި ފުލުހަށް ހަމަލާ ދިނީ އޭނާ ގެންގުޅުނު ބަޑިއެއް ބޭނުންކޮށްގެން ކަމަށް ވަނީ ބެލެވިފައެވެ.

މިކަމާއި ގުޅޭގޮތުން އިނގިރޭސިވިލާތުގެ ރަސްމީ އިދާރާއަކުން އަދި މާގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެފަރާތްތަކުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންނެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 40 ވަރަކަށް އަހަރުގެ ފުލުހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާއަށް ބަޑިން ހަމަލާ ދީފައިވަނީ، ހައްޔަރުގައި ހުރި މީހާ ވޭނަށް އަރުވަން އުޅެނިކޮށް ކަމަށް ވެއެވެ. ނަމަވެސް އެވަގުތު އޭނާ ހުރީ ބިޑިއަޅުވާފައި ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

މި ހާދިސާ އާއި ގުޅިގެން އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން އާއި އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ މަރުވި ފުލުސް މީހާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެޤައުމުގެ ގިނަ ބަޔަކު އަންނަނީ ހިތާމަވެރި ޝުޢޫރުތައް ފާޅުކޮށް، މި އަމަލު ހިންގި މީހާއަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.