ފްރާންސުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ބައިމިލިއަނަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބައިމިލިއަނަށް އަރާފައި މިވަނީ އެޤައުމުގައި ބަލި ފެތުރޭ މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވެ އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކަށް އަލަށް މިބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ފްރާންސުން އިތުރު 15,797 މީހަކަށް އަލަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ މިހާތަނަށް ފްރާންސުން އެއް ދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ. މިއާއެކު އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 513,034 އަށް އަރާފައެވެ.

ފްރާންސުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 150 މީހަކު ހިމެނޭހެން އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 31,661 އަށް އަރާފައެވެ.

ފްރާންސަކީ އިއްޔެ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެވެ. އަދި މިވަގުތު ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީވެސް ފްރާންސެވެ. އެޤައުމަކީ މިހާތަނަށް މި ބަލީގައި ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފްރާންސްގެ ނޭޝަނަލް ހެލްތު އޭޖެންސީން ބުނެފައިވާ ގޮތުން އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އައުމާއެކު، ބަލީގައި ހާލު ދެރަވެގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

މިދިޔަ މޭއި މަހުން ފެށިގެން ފްރާންސުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮނެމެވެސް ވަރަކަށް ހިފެހެއްޓިފައި އޮތުމަށްފަހު، ކުރިޔަށްވުރެ ބޮޑަށް ހާލަތު ގޯސްވާން ފެށީ ޖުލައި ފަހުކޮޅުން ފެށިގެންނެވެ. މިގޮތުން އެޤައުމުން ކޮވިޑް-19 ފެނުނު ފަހުންވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ދުވަހަކަށް މިދިޔަ ބުރާސްފަތި ދުވަސް ވަނީ ވެފައެވެ. އެދުވަހު އެކަނިވެސް ފްރާންސުން 16000 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

އެންމެ ފުރަތަމަ ދުނިޔެއިން ކޮވިޑް-19 ފެތުރެން ފެށިއިރު ވެސް ނުރައްކާ އެންމެ ބޮޑުވި ޤައުމުތަކުގެ ތެރޭގައި ފްރާންސް ހިމެނުނެވެ. މިގޮތުން ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެއްގެ ގޮތުގައި ވެސް އެޤައުމު ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ. އެންމެ ފުރަތަމަ ފްރާންސުން ކޮވިޑްގެ ވޭދަނައެއް ފެންމަތިވީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ފްރާންސުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން އަދި ބަލިން ރަނގަޅުވީ ލައްކައެއްހައި މީހުންނެވެ. އެހެންކަމުން އެޤައުމުގައި އަދިވެސް ގިނަ އަދަދެއްގެ ބަޔަކަށް މި ބަލީގައި ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 800 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.