ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން މަރުވި މީހުންގެ އަދަދު 140,000 އަށް އަރައިފި އެވެ.

އެޤައުމުން މަރުވި މީހުންގެ އަދަދު 140,000 އަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު އެތައް ސަތޭކަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ބްރެޒިލް އިން އިތުރު 826 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 140,709 ގައެވެ.

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން މަރުވި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، އެޤައުމުން މި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން މިދިޔަ 24 ގަޑިއިރުތެރޭވެސް އިތުރު 32,670 މީހަކު ހިމެނޭހެން ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4,692,579 އަށް އަރާފައެވެ.

ބްރެޒިލް އަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. އަދި އެޤައުމަކީ އެމެރިކާ އާއި އިންޑިއާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ބްރެޒިލް އިން ކުރިޔަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 4,040,949 މީހެކެވެ. އަދި 8000 އަށްވުރެ ގިނަ މީހުންނަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

212 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އޮފިޝަލުން ބުނާގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އަށް މި ބަލީގެ ނުރައްކާ އަދިވެސް އިތުރުވެގެން ދާނެއެވެ.

ބްރެޒިލް ހިމެނޭހެން ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 32 މިލިއަނަށް އަރާފައިވާއިރު، އޭގެތެރެއިން 992,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ އަލަށް ފައްސިވި ތިންލައްކައަށްވުރެ ގިނަ މީހުންނާއި، މަރުވި ފަސްހާހަށްވުރެ ގިނަ މީހުން ހިމެނެއެވެ.