ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް މީގެ އަހަރުތަކެއް ކުރިން ކާޓޫން ކުރެހި ފްރާންސްގެ ނޫހެއް ކަމަށްވާ ޗާލީ ހެބްދޫ ނޫހުގެ ކުރީގެ އޮފީހުގައި ތިބި ބަޔަކަށް ވަޅިން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލައިފިއެވެ.

މީހުންގެ މެދުގައި ނަފްރަތު އުފެދޭ ޒާތުގެ ލިޔުންތަކާއި ކުރެހުންތައް ވަރަށް ގިނައިން އާއްމުކުރާ ޗާލީ ހެބްދޫ ނޫހުން ކީރީތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް ކާޓޫން ކުރެހުމުން ކުރިން ވެސް އެމައްސަލަ ވަރަށް ބޮޑުވިއެވެ. 2015 ވަނަ އަހަރު އެނޫހުގެ އޮފީހަށް ހަމަލާދީ 12 މީހަކު ވެސް މަރާލިއެވެ. އެއީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތްކޮށް ކާޓޫން ކުރެހުމުން އެކަމުގެ ބަދަލު ހިފަން އަލްގައިދާ އިން ދިން ހަމަލާއެކެވެ.

ރޭ ވަޅިން ހަމަލާ ދިނުމުން ޒަހަމްވި ދެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާ ވާވަރުގެ އަނިޔާއެއް ލިބިފައި ނެތް ކަމަށް ފްރާންސް ސަރުކާރުން ބުނެއެވެ. މިހަމަލާ ދިނީ ދެމީހަކު ވެގެން ކަމަށް ފްރާންސް ފުލުހުން ބުނެއެވެ. އެދެމީހުން ވެސް މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

ޗާލީ ހެބްދޫ ނޫހުން ވަނީ އެނޫހުގައި ކުރިން ޝާއިއުކުރި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ނިސްބަތް ކޮށްފައިވާ ކާޓޫންތައް މިމަހުގެ ކުރީކޮޅު އަނެއްކާވެސް ޝާއިއުކޮށްފައެވެ. އަލުން ކާޓޫންތައް ޝާއިއު ކުރުމުން ޗާލީ ހެބްދޫ ނޫހުގެ މުވައްޒަފުންނަށް އަނެއްކާވެސް މަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށް އެނޫހުން ބުނެއެވެ.

ރޭ ވަޅިން ހަމަލާ ދިނުމުން ޒަހަމް ވެފައިވާ ދެމީހުންނަކީ ޗާލީ ހެބުދޫ ނޫހުގެ މުވައްޒަފުންތަކެއް ކަމެއް ނުވަތަ ނޫންކަމެއް އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ފްރާންސް ފުލުހުން ބުނާ ގޮތުގައި ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި ރޭގެ ހަމަލާ އަކީ ވެސް ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ ބަޔަކު ދިން ނިރުބުވެރި ހަމަލާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މޮހޮދު

  ސުލްހަވެރިކަން ދެމެހެއްޓުމުގެ މިސާލެއް ނެތް ފަދަ ބައެއް

  5
  4
 2. ބޯބުރާންތި

  އިސްލާމީ ރިވެތި އުސޫލު

  6
  3
 3. ހޯސް

  ތީކޮން ފޮތެއްގައި ކުރަން އަންގަވާފަ އޮންނަ ކަމެއްބާ.

  8
  3
 4. އިބްރާހީމު

  ކީރިތި ރަސޫލާގެ ކާޓޫނެއް ނުކުރެހޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން. ކާޓޫނު ނިސްބަތްވާ މީހާ ދެނެގަންނަނީ ކުޑަކޮށް ނަމަވެސް ވަކި މީހަކާ ވައްތަރު ވީމަ. ކީރިތި ރަސޫލާގެ ސިފަފުޅުތައް އެނގޭނެ މީހަކު މިހާރަކު ނުހުންނާނެ. ކީރިތި ރަސޫލާގެ ފޮޓޯފުޅެއް ނުހުންނާނެ. ދެން ހަމަ މަތިންދާބޯޓެއް ކުރަހާފަ އެއީ ފިނިފެންމަލެކޭ ބުނީމަ ފިނިފެންމަލަކަށް ވާނެބާ؟ މުސްލިމުން ވާންޖެހެނީ ބުއްދީގެ އަހުލުވެރިންނަށް.

  14
  3
 5. މީ

  ތިގޮތަށް ބަދަލު ހިފުން ހުއްދަހެން ހިޔެއް ނުވޭ. ހެޔޮ ނުވިސްނޭ މީހުން ވެސް އުޅޭ އެއީވެސް އިމްތިހާނެއް. ކުރި ކަމަކާ އެކަށީގެންވާ އަދަބު ދިނުން ދީނުގަ އޮންނަނީ. އެކަމު އެންމެ ފުރަތަމަވެސް ހެޔޮ ދުއާ ކޮށްދިނުމާއި އިސްލާހުވާނެ މީހަކަށް މާފު ދިނުން ރަނގަޅު. ރަސޫލާ (ސަލަވާތް ލައްވަވާށި) ދުޝްމަނުންނަށް އަދި މާ ހެޔޮ އެ ދުޝްމިނުންގެ ބަޔަކު އިސްލާހުވެފަވެސްވޭ. ވަﷲ އަޢުލަމް

  7
  5