އޭވިއޭޝަން ސްކޫލެއްގެ ދަރިވަރުންތަކެއް އުފުލި ޔޫކްރޭންގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 22 މީހުން މަރުވެއްޖެ އެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ބޯޓުން ދަތުރު ކުރި ގިނަބަޔަކު މަރުވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި ހަތަރު މީހެއް އަދިވެސް ހޯދައި ނުފެނި ވާކަމަށް ޔޫކްރޭންގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ "އަލް އަރަބިއްޔާ" ނޫހުގައި ބުނެފައި ވެއެވެ.

އޭއެން-26 މަރުކާގެ މި ބޯޓު ވެއްޓިފައި ވަނީ އެގައުމުގެ ވެރިކަންކުރާ ސިޓީ ކީއިވް އާއި 400 ކިލޯމީޓަރު ދުރަށެވެ. ބޯޓު ވެއްޓުނީ ޗުންހުއިވް އަށް ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ބޯޓުގައި ތިބީ ކްރޫއިންގެ އިތުރުން އޭވިއޭޝަން ސްކޫލްގެ ދަރިވަރުންނެވެ. އަދި އޭގެ ތެރޭގައި އެކި ގައުމުތަކުން ޔޫކްރޭންގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އޭވިއޭޝާން ސްކޫލްގައި ކިޔަވަމުން އަންނަ ކުދިން ހިމެނެ އެވެ.

މި ފްލައިޓު ވެއްޓެން ދިމާވި ސަބަބެއް ޔޫކްރެއިންގެ ކަމާބެހޭ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާގައި ގެއްލުނު މީހުން އަދިވެސް ދަނީ ހޯދަމުންނެވެ.

މި ބޯޓު ވެއްޓިފައި ވަނީ އަސްކަރީ ވައިގެ ބަނދަރަށް ޖެއްސުމަށް ދަނިކޮށް އެ އެއާޕޯޓާއި، ދެކިލޯމީޓަރު ދުރަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.