ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ނުރައްކާ އިތުރުވެ އެމެރިކާއިން ދުވާލަކު މި ބަލީގައި މަރުވާ މީހުންގެ އަދަދު ތިންހާހަށް އަރާފާނެކަމުގެ އިންޒާރު އެޤައުމުގެ ސިއްޙީ މާހިރުން ދެއްވައިފި އެވެ.

މިކަމާއި ގުޅޭގޮތުން ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ އިންސްޓިޓިއުޓް އޮފް ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަންގެ ޑިރެކްޓަރ، ޑރ. ކްރިސް މުރޭ ވިދާޅުވެފައި ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ފެތުރޭމިންވަރު އެމެރިކާގެ ބައެއް ހިސާބުތަކުގައި މަދުވުމުން، ގިނަ ބަޔަކު ރައްކާތެރިކަމުގެ އުސޫލުތަކާއި މެދު ފަރުވާކުޑަކުރަމުން އަންނަ ކަމަށެވެ. މިއާއެކު އަނެއްކާވެސް އެ ސަރަޙައްދުތަކުން ފެންމަތިވާ ވޭދަތަނައް ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ދެން ބަލީގެ ނުރައްކާ އެމެރިކާއަށް ކުރިމަތިވާނީ ކުރިޔަށްވުރެ ވެސް ގޯސް ހާލަތެއްގައި ކަމަށާއި، މުޖުތަމަޢުގެ ތެރެއިން މިހާރު ފެތުރެމުންދާ މި ބަލި ގެތަކުގައި ވެސް ފެތުރެން ފަށާފާނެ ކަމަށް ޑރ. މުރޭ ވިދާޅުވިއެވެ.

"އާންމުން ދިރިއުޅޭ ތަންތަނުގައި ބަލި ފެތުރެން ފަށައިފިނަމަ މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އެއީ ގެތަކުގައި ބަލީގެ ހައިރިސްކް މީހުން ގިނަވާނެތީ. މިގޮތަށް ދިމާވެއްޖެނަމަ އެމެރިކާގެ ހާލަތު ކުރިޔަށްވުރެ ގޯސްވެގެންދާނެ" ޑރ. މުރޭ ވިދާޅުވިއެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން މިވަގުތު ހާލަތު ހުރިގޮތުން އެމެރިކާއަށް ޑިސެމްބަރު މަހުގެ ތެރޭގައި ހީނުކުރާ މިންވަރަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެގެންދާނެއެވެ. މިގޮތުން ކޮންމެ ދުވަހަކު ބަލީގައި މަރުވާ މީހުންގެ އަދަދު ޑިސެމްބަރު މަހުގެ ފަހުކޮޅު އެޤައުމުގައި އުޅޭނީ ތިންހާހުން މަތީގައި ކަމަށް އެފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ދުނިޔެއިން މިވަގުތު އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި ވެސް އޮތީ އެމެރިކާއެވެ. މިގޮތުން މިހާތަނަށް އެޤައުމުން 7.2 މިލިއަނަށް ގިނަ މީހުން ފައްސިވެ އޭގެތެރެއިން 208,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މީގެ ކުރިޔާއި އަޅާބަލާއިރު އެމެރިކާގައި ބަލި ފެތުރުނު މިންވަރަށް ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް އައިސްފައި އޮތްނަމަވެސް ދުވާލެއްގެ މައްޗަށް އަދިވެސް ބައިލައްކައެއްހައި މީހުން ފައްސިވެ، 800 އާއި 1000 އާއި ދެމެދުގެ އަދަދަކަށް މީހުން މަރުވެއެވެ.

މިހާތަނަށް އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 4,480,719 މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ. އަދި މި ބަލީގައި 14,141 މީހަކަށް އެޤައުމުގައި ސީރިއަސް ހާލުގައި ފަރުވާ ދެމުން ދެއެވެ.

އެމެރިކާއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ކެލެފޯނިއާ އާއި ޓެކްސަސް އާއި ފްލޮރިޑާ އާއި ނިއުޔޯކުގެ އިތުރުން ޖޯޖިއާ އާއި އިލިނޮއިސް އަދި އެރިޒޯނާ ހިމެނެއެވެ. އެޤައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ނިއުޔޯކުންނެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 32.7 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން 992,900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.