އިންޑިއާއިން ކޮވިޑް-19 އަށް ޚާއްސަކޮށްގެން އުފައްދަމުންދާ ވެކްސިން ކާމިޔާބުވެއްޖެ ނަމަ، އެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދެއްވާނެ ކަމަށް އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވި ތަޤުރީރެއްގައި މިކަން ހާމަކުރައްވަމުން މޯދީ ވިދާޅުވީ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ޤައުމުގެ ހައިސިއްޔަތުން، އިންޑިއާގެ ވެކްސިން އިން ކޮވިޑް-19 އާއި ހަނގުރާމަކުރާ ހުރިހާ ޤައުމަކަށްވެސް މަންފާ ކުރާނެ ކަމަށެވެ. އަދި މި ވެކްސިނަކީ ހަމައެކަނި އިންޑިއާއިން މި ބަލިން އަރައިގަތުމަށް އުފައްދާ ވެކްސިނެއް ނޫން ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

"ހަމައެކަނި ޤައުމުގެ އާބާދީއަށް އަމާޒުކޮށްގެން ވެކްސިނެއް އުފެއްދުމަކީ ވަރަށް ނާއިންސާފުވެރި ކަމެއް. އަޅުގަނޑުމެން އެންމެން މި ބަލިން އަރައިގަނެވުމާއި ހަމައަށް އަޅުގަނޑުމެން އެއްވެސް މީހަކަށް ރައްކަލެއް ނެތް. މިއީ އެންމެންނަށްވެސް އެނގޭނެ ހަޤީޤަތެއް. އެހެންކަމުން ބަލިން އަރައިގަންނަން މަސައްކަތް ކުރަންވީ ހުރިހާ ޤައުމެއްވެސް ގުޅިގެން، އެއްބައެއްގެ ގޮތުގައި،" މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ކޮވިޑް-19 ވެކްސިން އުފެއްދުމުގެ މަސައްކަތްތަށް މިހާތަނަށް ކާމިޔާބީތަކެއް ލިބެމުން އަންނަކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވެފައި ވަނީ، މިވަގުތު ކުރިޔަށް ދަނީ ވެކްސިން ތަހުލީލުގެ ތިންވަނަ ފޭސްގެ ދަށުން ކުރިޔަށްގެންދާ ކްލިނިކަލް ޓްރަޔަލްގެ މަސައްކަތްތައް ކަމަށެވެ. މި ތަހުލީލުތައް ކުރިޔަށް ގެންދަނީ ވެކްސިނަކީ އެންމެންނާއި ގުޅޭ ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކުރުމަށްޓަކައެވެ.

މިދިޔަ އޮގަސްޓު މަހުވެސް މޯދީ ވަނީ އިންޑިއާއިން ވެކްސިން އުފައްދަނީ މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައިކަމަށް ވިދާޅުވެފައެވެ. އަދި މިއީ އިންސާނިއްޔަތަށްޓަކައި ކުރިޔަށް ގެންދެވޭ މުޙިންމު މަސައްކަތެއްކަމުން އެކަމުގައި ޤައުމުތައް ތަފާތު ނުކުރައްވާނެ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ އިތުރުން ވެސް އެމެރިކާ އާއި އިނގިރޭސިވިލާތާއި ދުނިޔޭގެ ކުރިއަރާފައިވާ އެނޫންވެސް ގިނަ ޤައުމުތަކުން އަންނަނީ ކޮވިޑް-19 ގެ ވެކްސިންތައް އުފައްދައި ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން ވެސް ގިނަ ޤައުމުތަކުން ވަނީ، ވެކްސިން ކާމިޔާބުވެއްޖެނަމަ އެހެން ޤައުމުތަކަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މޯދިރާއްޖެއައް އެންމެކުރީގައި ތިވެކުސިން ފޮނޮވަދޭތި ސުކުރިއްޔާ

    1
    6
  2. Anonymous

    ނިސޮބަތުން އަދިވެސް ކޮވިޑު އެންމެ ގިނައީ ރާއްޖޭގައި އެކަމަކު މިމީހުންހީކުރަނީ ދުވާލަކު 40 ކޮވިޑުފެނުނީމަ ރަގަލުވީއޭ އެހެނެއްނޫން އިގޭތޯ މީގެއަސަރު މޫދު ކައިރީގައި ވެސް ވެޔޭ އައްސޭރި ފަށު ގައި ގޮންޑުދޮށުގައި އުލޭ ކަކުނިތަކައް ޖެހިފަހުރިވަރު

    2
    1
  3. ފައިވާން

    ކޮވިޑަށް 321 ވެކްސިނެއް ދުނިޔޭގައި ހަދަމުން އެބަދޭ، އޭގެތެރޭން އެކަތި އިންޑިއާއިން ހަދާ ވެކްސިނަކީ. ތިއަކު މާކަ ހާއްސަކަމެއްނެތް. ރޭހުގަ އެންމެ ފުލުގަ އޮތީ.