ދެކުނު އެފްރިކާގެ އައްސޭރީގެ ސަރަޙައްދަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ބިންހެލުންތައް މޮނިޓާކުރާ ޔޫއެސް ޖިއޮލިޖިކަލް ސާވޭ އިން ބުނެފައިވަނީ މި ބިންހެލުން އައިސްފައި ވަނީ މިރޭ 11:14 ހާއިރު ދެކުނު އެފްރިކާގެ ދެކުނު އައްސޭރީގައި އޮންނަ ކޭޕްޓައުންއަށް ކަމަށެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ.

މިރޭ އެފްރިކާއަށް އައި ބާރުގަދަ މި ބިންހެލުން އައިސްފައިވަނީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ. އަދި ބިންހެލުމުގެ ލޮޅުންތައް ފަސް ވަރަކަށް ސިކުންތައް ދެމިގެން ދިޔަކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

މި ބިންހެލުމާއި ގުޅިގެން ކޭޕްޓައުން އަށް ލިބުނު ގެއްލުމެއް އަދި އެނގިފައެއް ނުވެއެވެ. އަދި ބިންހެލުމުގައި މީހަކަށް އަނިޔާއެއް ލިބުނުކަމެއްވެސް އިދާރާއަކުން ރިޕޯޓްކޮށްފައެއް ނުވެއެވެ.

މިރޭ ދެކުނު އެފްރިކާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ސުމާނީއެއް އުފެދިދާނެ ކަމުގެ އިންޒާރު ނެރެފައެއް ނުވެއެވެ.